twitterviber whatsapp telegramfacebookyoutube instagram

ނައިބު އަބޫބަކުރު ސްކޫލްގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބައްވައިފި

Oct 28, 2011

ފުވައްމުލަކުގައި ޕްރީ އަދި ޕްރައިމަރީ ތައުލީމުދޭ ހަމައެކަނު ސްކޫލްކަމަށްވާ ނައިބު އަބޫބަކުރު ސްކޫލްގެ އަހަރި އިނާމުދިނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.

އެސްކޫލުގައި ރޭ ބޭއްވި މިޖަލްސާގައި 2010 ވަނައަހަރު އެސްކޫލްގައި ހިންގާފައިވާ ތަފާތު ހަރަކާތްތަކުން ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީއާއި ޝީލްޑް ދިނުން އޮތެވެ. މީގެ އިތުރުން އެސްކޫލުން މިއަހަރު ޕްރީސްކޫލް ތައުލީމު ނިންމައި ޕްރައިމަރީ ގްރޭޑް އެކަކަށް ބަދަލުވާ ދަރިވަރުންގެ ދަސްވެނިވުންވެސް އޮތެވެ.

2010 ވަނައަހަރުގެ އެނމެ ފަޚުރުވެރިވަނައެއްގެ ގޮތުގައި ހޮވާފައިވަނީ މުޅި ދިރާސީ އަހަރުގެ އެންމެ ކާމިޔާބު ދަރިވަރެވެ. މިމަގާމަށް ތިން ދަރިވަރަކު ހޮވިފައިވެއެވެ. އެ ދަރިވަރުންނަކީ އިސްމާއިލް ސާމީ އަލީ/ މާލީ، އައިޝަތު ޝާލޫ/ ޒަމާނިވިލާ އަދި އައިޝަތު ނަޝްފާ ނަސީމް/ ނީލީސިތާރާއެވެ. ކިޔެވުމަށް އެންމެ ރަނގަޅު ހައުސްއަކަށް ހޮވުނީ ޣާޒީ ހައުސް އެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ހައުސް އަކަށް ހޮވުނީ ސިކަންދަރު ހައުސްއެވެ.

މިޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ފުވައްމުލަކު ގައުމީ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް ސެކްރެޓަރީ އިބްރާހިމް ހުޒާމެވެ. ޖަލްސާގެ ބައިވެރިންނާއި މުޚާތަބު ކުރައްވަމުން ހުޒާމުވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންދާވާހަކަ އަޑުއިވޭކަމަށާއި އެއީ އުފާކުރުން ހައްގު ކަމެއްކަމުގައެވެ. ނަމަވެސް ދަރިވަރުންގެ އަޚުލާގީ ފެންވަރު ދަށަށްދާކަމީ ހިތާމަކުރައްވާ ކަމެއްކަމުގައެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލްތައް ގުޅިގެން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ހުޒާމު ވިދާޅުވީ ދަރިވަރުންގެ އަޚުލާގު ރަނގަޅުކުރުމަށްޓަކައި ސްކޫލްތަކުން އަޅާފިޔަވަޅުތަކަށް ބެލެނިވެރިންގެ އެއްބާރުލުން ބޭނުންވާނޭކަމުގައެވެ.

ނައިބު އަބޫބަކުރު ސްކޫލުގައި ބޭއްވި މިޖަލްސާގައި ސްކޫލްތަކުގެ ވެރިންވާއި ފުވައްމުލަކުގެ ބައެއްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Kedevari Online 2024