twitterviber whatsapp telegramfacebookyoutube instagram

ފުވައްމުލަކު އެއާޕޯޓް ނޮވެމްބަރު ތިނެއްގައި ރަސްމީކޮށް ހުޅުވާއިރު މައިގަނޑު ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައި: މިނިސްޓަރ އާދިލް

May 12, 2022

ފުވައްމުލަކަ އެއާޕޯޓް އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރަސްމީކޮށް ހުޅުވާއިރު އެއާޕޯޓްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމު ވިދާޅުވެއްޖެއެވެ.

ރޭ ކައްޓެޅިއަށް ފޯނުންދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އާދިލް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފުވައްމުލަކަށް ގެންދިއުމުގައި ދަތިތަކެއް އެބަހުރިކަމަށާއި އަދި މަސައްކަތް ކުރުމުގައި މޫސުމަށް ބަރޯސާ ވާންޖެހޭތީ ތާވަލާއެއްގޮތަށް ހުރިހާކަމެއް ނުނިމުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެހެންނަމަވެސް އެއާޕޯޓު ހުޅުވަންވާއިރަށް މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމުގައެވެ. ފުވައްމުލަކު އެއާޕޯޓު ހުލުވުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެކަމަށާއި އަދި ވަރަށް މުހިންމު އިތުރު އެހެންކަމެއް ދިމާ ނުވާނަމަ މިކުލަގަދަ ޚާއްސަ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައިވެސް މިނިސްޓަރ އާދިލް ވިދާޅުވިއެވެ.

ފުވައްމުލަކު އެއާޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސޭގޮތަށް ލައިޓް ސިސްޓަމް ހަރުނުކުރާ ކަމަށާ ރޭގަނޑު އެއާޕޯޓުބޭނުން ކުރުމަށް ރާވާފައި ނުވާކަމަށް ފުވައްމުލަކުގެ ބައެއްފަރާތްތަކުން ވާހަކަދައްކަމުން ދާތީ ކައްޓެޅިން ދެންނެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އާދިލް ވިދާޅުވީ ފުވައްމުލަކުގައި ރޭގަނޑު އެއާޕޯޓު ބޭނުން ނުކުރެވޭ ނަމަ އެއާޕޯޓު ހެދުމުގެ މަގްސަދު ހާސިލު ނުވާ ކަމުގައެވެ. އެހެންކަމުން ރަސްމީކޮށް އެއާޕޯޓު ހުޅުވޭއިރު ލައިޓު ސިސްޓަމް ހަރުކޮށް ނުނިމުނުމަވެސް އެއާޕޯޓުގެ މަސައްކަތް ނިމޭއިރު ރޭގަނޑު ޖެއްސޭގޮތަށް ލައިޓު ސިސްޓަމް ހުރުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އާދިލް ދެއްވިއެވެ.

"ފުވައްމުލަކުގައި އެއާޕޯޓެއް ހެދުމުގެ ބޭނުމަކީ ފުވައްމުލަކު ރައްޔިތުންގެ ހިތުގައި އެއޮންނަ ރަށުބަންދު ފިލުވައިލުން، އޭގެމާނަޔަކީ އިމަޖެންސީއެއްގަ ކޮންމެ ގަޑިއެއްގަ ފުރަންޖެހުނަސް ފުރޭގޮތަށް އޮތުން. އެހެންކަމުން އެއީ ޝާއްކެއްވެސް އޮތްކަމެއްނޫން އެއާޕޯޓުގެ މަސައްކަތް ނިމޭއިރު ހުންނާނީ ލައިޓްވެސް ޖެހި ނިމިފައި" މިނިސްޓަރ އާދިލް ވިދާޅުވިއެވެ.

ފުވައްމުލަކު އެއާޕޯޓު ހުޅުވުމާއެކު ފުވައްމުލަކަށް އެއާލައިންސްތައް އޮޕަރޭޓު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ އެއާލައިންތަކާއެކު މަޝްވަރާކުރަމުންނެވެ. އެގޮތުން އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް ޚާއްސަ ފެއާތަކެއް ބޭއްވުމަށް ބައެއް އެއާލައިންތަކުން ތައްރާރުވަމުން އަންނަކަމުގެ މަޢުލޫމާތު ކައްޓެޅިއަށް ވަނީ ލިބިފައެވެ.

މިނިސްޓަރ އާދިލް ވިދާޅުވީ މިހާތަނަށް އެއާލައިންތަކާ އެކު ދެކެވުނު ވާހަކަތަކުން އެނގިފައިވާ ގޮތުގައި ފުވައްމުލަކަށް ހަފުތާއަކު ބާއްވާނީ ދެ ފްލައިޓެވެ. ނަމަވެސް އާދިލް އަމިއްލަޔަށް ބެއްލެވި ބެއްލެވުމުން ފުވައްމުލަކަށް ޚާއްސަކޮށްގެން މޯލްޑިވިއަން އިން ބާއްވާ ފްލައިޓުން ދަތުރުކުރާ ތިރީހަކަށް މީހުންގެ އިތުރުން އައްޑުއަށް ދާ އެހެން ފްލައިޓްތަކުންވެސް ފުވައްމުލަކަށް ގިނަ އަދަދެއްގެ މީހުން އަންނަކަމަށާއި އެއިގެ އިތުރުން ސީދާ ފުވައްމުލަކަށް ދެވޭގޮތް ތަނަވަސްވުމުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެކިލުމަށާއި ފުވައްމުލަކުގެ ޚާއްސަ މެހެމާންދާރީ ތަޖުރިބާ ކޮށްލުމަށް ގިނަބަޔަކު ފުވައްމުލަކަށް ދަތުރުކުރާނެކަން ޔަގީން ކުރައްވާ ކަމަށް އާދިލް ވިދާލުވިއެވެ. އެހެންކަމުން ފުވައްމުލަކަށް ބައްވާ ފްލައިޓްތައް އިތުރުވެގެންދާނޭކަމަށް ވަރަށް ބޮޑަށް މިނިސްޓަރ ގަބޫލުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

އެއާޕޯޓް ދެމެހެއްޓެނިވިގޮތެއްގައި ހިންގޭނީ ގިނަ ފްލައިޓްތަކެއްބޭއްވި އެއާޕޯޓް އޮފަރޭޓް ކުރާފަރާތަށް ލިބޭ އާމްދަނީ އިތުރުވެގެންކަމަށާއި އެހެންކަމުން ފުވައްމުލަކު ރައްޔިތުން ވަކިން ޚާއްސަކޮށް ވިޔަފާރިވެރިން ފުވައްމުލަކަކީ އިންޓާރނަލް ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކުރުމުގެ ވިސްނުމެއް ގެންގުޅުމަށް އިލްތިމާސް ކުރައްވާކަމަށްވެސް ކައްޓެޅިއަށް ރޭ ދެއްވި ބަސްދީގަތުމުގައި އާދިލް ވިދާޅުވިއެވެ.

Kedevari Online 2024