twitterviber whatsapp telegramfacebookyoutube instagram

މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފުވައްމުލަކުގެ ސްކޫލްތަކުގައިވެސް ކުރިޔަށް އެބަދޭ

May 12, 2022

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފުވައްމުލަކުގެ ސްކޫލްތަކުގައި ކުރިޔަށް ދާކަމަށް ފުވައްމުލަކުގެ ސްކޫލްތަކުން މައުލޫމާތު ދެއެވެ،

ފުވައްމުލަކުގެ ހަމަ އެކަނި ސާނަވީ އަދި މަތީ ސާނަވީ ސްކޫލް ކަމަށްވާ ޏ އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް ފަށާފައިވަނީ ހެނދުނު ޓީޗަރުންގެ ޝަރަފުގައި ބޭއްވުނު ޚާއްސަ ހެނދުނުގެ ސަޔަކުންނެވެ. އޭގެ ފަހުގައި ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ކުރިއަށް ގެންދިޔަ ތަފާތު ހަރަކާތަތަކެއް ސްކޫލް ހޯލުގައި އޮތެވެ. މިއަދު ތައުލީމީ މަރުކަޒުގެ ފިރިހެން ޓީޗަރުންނާއި އެމްޖޭ އެމެގެ ފިރިހެން ޓީޗަރުންގެ މެދުގައި ކުޅެވޭ ފުޓްބޯޅަ މެއްޗެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ޓީޗަރުންގެ ޝަރަފުގައި ބާއްވާ ރޭގަނޑުގެ ކެއުމެއް މިރޭ އޮންނާނޭ ކަމަށް ތައުލީމީ މަރުކަޒުން މައުލޫމާތު ދެއްވައެވެ.

ފުވައްމުލަކު ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހެނދުނު އެންމެ ފުރަތަމަ އެސްކޫލްގައި އޮތީ ޓީޗަރުންނަށް މަރުޙަބާ ކިޔުމެވެ. އޭގެފަހުގައި ޚާއްސަ އެސެމްބްލީއަކާއި ޓީޗަރުންގެ ޝަރަފުގައި ބޭއްވި ހެންދުނުގެ ސައެއް އޮތެވެ. އަދި ކްލާސްތަކުގައި ކޭކް ފެޅުމާއި ދަރިވަރުން ޓީޗަރުންނަށް ހަދިޔާ ދިނުން އޮތެވެ. ސްކޫލް ޕީޓީއޭގެ ފަރާތުން ޓީޗަރުންގެ ޝަރަފުގައި ބާއްވާ ޚާއްސަ ރޭގަނޑުގެ ކެއުމެއް މިރޭ އޮންނާނޭކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ހާފިޒް އަހުމަދު ސްކޫލްގައި ދުވަހުގެ ހަރަކާތްތައް ފެށުނީ ޚާއްސަ އެސެމްބްލީއަކުންނެވެ. މިއެސެމްބްލީގައި ޓީޗަރުންނާއި ދޭތެރޭ ދަރިވަރުންގެ ޝުޢޫރު ފާޅުކުރުންވެސް އޮތެވެ. މިއަދު އެސްކޫލްގެ ކުލާސްތަކުގައި މާއްދާތައް ކިޔަވައިދީފައިވަނީ ދަރިވަރުންނެވެ. މީގެ އިތުރުންވެސް ދަރިވަރުންނާއި ޓީޗަރުން ބައިވެރިވި ތަފާތު ހަރަކާތްތައް ހިންގުނުކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. އަދި މާދަމާރޭވެސް ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން އިތުރު ބައެއްހަރަކާތް ހިންގުމަށް ރޭވިފައިވާކަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ.

އެމްޖޭ އެމް އިން މައުލޫމާތު ދެއްވި ގޮތުގައި އެސްކޫލުގައިވެސް ޓީޗަރުންގެ ދުވަހުންގެ ހަރަކާތްތައް ފެށިގެން ދިޔައީ ދަރިވަރުންނާއި ޓީޗަރުން އެއްކޮށް ބޭއްވުނު ޚާއްސަ އެސެމްބްލީއަކުންނެވެ. އެސެމްބްލީގެ އިތުރުންވެސް ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ދާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. މިރޭވެސް ޚާއްސަ ގެދަރިން އެއް އެބަ އޮތްކަމަށާއި ނަމެސް އެހާ ބޮޑު ތަފްސީލެއް ދެވެން ނެތްކަމަށް ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ނައިބު އަބޫބަރު ސްކޫލުގައިވެސް ދުވަހުގެ ހަރަކާތްތައް ފެށުނީ ޚާއްސަ އެސެމްބްލީއަކުނެނެވެ. ޓީޗަރުންގެ ބަދަލުގައި ސްކޫލުގައި މިއަދު ކިޔަވައިދިނީ ބެލެނިވެރިންނެވެ. ޓީޗަރުންނާއި ގުޅޭގޮތުން ދަރިވަރުންގެ ޝުއޫރު ފާޅުކުރުމާއި ޚާއްސަ ކޭކެއް ފެޅުންވެސް އޮތެވެ. އަދި އަދި ޕީޓީއޭއިން ބައްވާ ރޭގަނޑުގެ ކެއުމެއް ހުކުރު ދުވަހުގެ ރޭ އޮންނާނޭ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

މި ސްކޫލްތަކުގެ އިތުރުން ފުވައްމުލަކުގެ ޕްރީ ސްކޫލްތަކުގައިވެސް ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިޔަށް ދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Kedevari Online 2024