twitterviber whatsapp telegramfacebookyoutube instagram

ޓޭންކް ގޮވުމުގެ ހާދިސާގައި ބޮޑަށް އަނިޔާވި މިހާގެ ހާލު މިހާރު ރަނގަޅު

Jun 1, 2022

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި އޮތް ކުރިން ބޭނުން ކުރި ތެޔޮޓޭންކެއް ކަފާލަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އެޓޭންކު ގޮވުމުގެ ސަބަބުން އަނިޔާވެ ހޮސްޕިޓަލަށް ގެންދެވުނު ދެމީހުންގެ ތެރެއިން ބޮޑަށް އަނިޔާވި މީހާގެ ހާލުވެސް މިހާރު ރަގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައިފިއެވެ.

މާއިރި އަށް މައުލޫމާތުދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނެވި އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް މުހައްމަދު ޟިރާރު ވިދާޅުވީ އެހާދިސާ އާއި ގުޅިގެން ހޮސްޕިޓަލަށް ދައްކާފައިވަނީ ޖުމްލަ ހަތަރު މީހުންކަމުގައެވެ. އެއިގެ ތެރއިން ތިންމީހަކު ފަރުވާދިނުމަށްފަހު އެދުވަހު ދޫކޮށްލާފައިވާކަމުގައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ހާދިސާ ހިނގި އިރު ޓޭންކުކައިރީގައި މަސައްކަތް ކުރަމުންދިޔަ ބަނގުލަދޭޝް މީހެއްކަމުގައެވެ. އެމީހާގެ ހާލުވެސް މިހާރު ރަގަޅު ކަމަށާއި ޓެސްޓް ތައް ހެދުމަށްފަހު އިތުރުމައްސަލައެއް ނެތްނަމަ އެމީހާވެސް މިއަދު ދޫކޮށްލާނޭކަމުގައެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ޟިރާރު ވިދާޅުވީ ދުމާއި ގޭހުގެ އަސަރު ނޭވާލާ ނިޒާމަށް ކުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެނެވުނުއިރު ހޭނެތިފައިވީ ނަމަވެސް އެމީހާއަށްވެސް އަލިފާނުގެ ހޭނުން ކޮންމެވެސް ވަރަކަށް ގައިގެ ތަނަތަން ފިހުން ފިޔަވައި މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިގާފައިވަނީ ޓޭންކް އޮތް ތަނުން ތަންކޮޅެއް ދުރަށް ޓޭންކު ފުރޮޅާލާފައި ގެން ދިޔުމަށްޓަކައި ޓޭންކުގައި ހަރުކޮށްފައިހުރި ހަރުގަނޑު ނައްޓާލަން އުޅުމުގެ ތެރޭގައެވެ. ހާދިސާ ހިގިތާ ވަރަށް ކުޑަ އިރުކޮލެއްގެ ތެރޭގައި ފުވައްމުލަކު އެއާރޕޯރޓުގެ އަލިފާން ނިވާމީހުންވަނީ ސާމާނާއެކު އެސަރަހައްދަށް ގޮސް އަލިފާންގަޑު ނިއްވާލާފައެވެ.

ބަނދަރު ސަރަހައްދުގައި ހުންނަ އެފްއެސްއެމް އަދި ދަހޯކްސްގެ ކައިރީގައި ހިނގި މިހާދިސާގައި ދަހޯކްސްގެ އޮފީސް އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ދިޔުން ފިޔަވައި އިތުރު ގެއްލުންތަކެއް އެތަންތަނަށްވެސް ލިބިފައެއް ނުވެއެވެ.

Kedevari Online 2024