twitterviber whatsapp telegramfacebookyoutube instagram

ކްރިކެޓުމެޗަށް ފައިސަލަށް ދަޢުވަތު ނުދިނީ ކީއްވެ

Oct 31, 2011

ތާރީޚީ ކްރިކެޓު މެޗުން ފުވައްމުލަކުގެ ކްރިކެޓު ކުޅުންތެރިޔާ ފައިސަލް ނުފެނުނުކަމީ ލިބުނު އުނިކަމެއް

އިއްޔެގެ މެޗަށް ފައިސަލަށް ދަޢުވަތު އެރުވުމަށްފަހު އެދަޢުވަތު ވަނީ އަނބުރާ ގެންދަވާފައި: ފައިސަލް

ގައުމީ ފެންވަރުގެ ކްރިކެޓު ސްޓޭޑިއަމަކަށް ދިގުވާނޑު އަރުއްފަނު ދަނޑު ތަރައްޤީކުރުމަކީ މީގެ ކުރިން ބަޔަކު ހުވަފެނުންވެސް ދެކެފައި ނުވާކަމެކޭވެސް ދެންނެވިދާނެއެވެ. 17 ވަނަ ސާކު ސަމިޓާ ދިމާކޮށް އަރުއްފަންނު ދަނޑު ގައުމީ ފެންވަރުގެ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމަކަށް ތައްރައްޤީ ކުރުމަށް މިއަދުގެ ސަރުކާރުން ނިންމުމުން އެކަމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެއްދި މީހުން މަދެއް ނޫނެވެ. ނަމަވެސް އެންމެ ތިންމަސްދުވަހުގެ މަސައްކަތުން އެވަނީ އަރުފަންނު ސަރަހައްދުގައި ކްރިކެޓް ގްރައުންޑެއް ތަރައްގީކޮށް ހުޅުވައިފައެވެ.

ފުވައްމުލަކު ކްރިކެޓް ދަނޑު "އަޙުމަދު ޢަލިދީދީ ކްރިކެޓް ގްރައުންޑް" ގެ ނަމުގައި އިފްތިތާޙު ވެގެން ދިޔުމުގެ އިތުރުން އިއްޔެ އެސްޓޭޑިއަމުގައި ކުޅުނު ކްރިކެޓު މެޗަކީ ޝައްކެއް ނެތްގޮތުގައި ތާރީޚީ މެޗެކެވެ. އަތޮޅެއްގެ ރަށެއްގައި ފުރަތަމަ ފަހަރަށް ހުޅުވި ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗަށް ވުމުގެ އިތުރުން ފުވައްމުލަކުގައި ކުޅެވުނު ގައުމީ ފެންވަރުގެ ފުރަތަމަ ކްރިކެޓު މެޗަށް އިއްޔެގެ މެޗުވުމަކީ ތާރީޚީ މެޗަކަށް އެމެޗުވާ ސަބަބެކެވެ. މީގެ އިތުރުން ރާއްޖޭގެ ކުރީގެ ގިނަ ކްރިކެޓު ކުޅުންތެރިންތަކެއް އިއްޔެގެ މެޗުން ފެނިގެން ދިޔުމަކީވެސް ތާރީޚުގެ ތެރެއިން މިމެޗަށް ޚާއްސަ ޖާގައެއް ދޭން މަޖުބޫރުވި ސަބަބެއް ވެސްމެއެވެ.

ފުވައްމުލަކުގައި އިއްޔެ ކުޅެވުނު ތާރީޚީ މެޗުގައި ފުވައްމުލަކުގެ އެއްވެސް ކުޅުންތެރިއަކު ނުފެނުކަމީ ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ. ސުވާލަކީ މިމެޗުން ފުވައްމުލަކުގެ ކުޅުންތެރިއަކު ނުފެނުނީ ފުވައްމުލަކުގައި އެފެންވަރުގެ ކްރިކެޓު ކުޅުންތެރިއަކު ނެތިގެންތޯ އެވެ؟

ފުވައްމުލަކަށް އުފަން ކްރިކެޓު ކުޅުންތެރިންނަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އިޖުތިމާއީގޮތުން، ވަކިން ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައި 25 އަހަރަށް ވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވައި އަދި މިހާރުވެސް އިޖުތިމާޢީ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަމުގައި ވާ ފުވައްމުލަކު ނޫޑަލްހީ ފައިސަލް ނަސީމެވެ. ޒުވާނުންގެ އެކުވެރިޔާ ފައިސަލް ނަސީމް ކްރިކެޓުގެ ދާއިރާއިން ވިދާލީ އޭނާގެ ސްކޫލް ދައުރުގައެވެ. އެގޮތުން 1990 ވަނަ އަހަރު އީޕީއެސް ސްކޫލުގެ "އައުޓު ސްޓޭންޑިން ކްރިކެޓް ޕްލެޔަރ" ގެ މަޤާމު ފައިސަލް އަށް ލިބުމުގެ އިތުރުން 1991 ވަނަ އަހަރު މާލޭގައި ބޭއްވި މާލޭ ސްކޫލް މަދަރުސާތަކުގެ 7 ވަނަ ކްރިކެޓު މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ މޮޅު ކުރިކެޓު ކުޅުންތެރިޔާ އަދި އެންމެ މޮޅު ބެޓްސްމަންގެ މަގާމު ފައިސަލް ހާސިލްކުރައްވާފައިވެއެވެ. އެމުބާރާތުގައި މަޖީދިއްޔާ ސްކޫލް ޓީމުގެ ކެޕްޓަނަކަށް އިއްޔެގެ މެޗުން ވެސް ފެނިގެން ދިޔަ އަދި ގައުމީ ކްރިކެޓު ޓީމުގެ މިހާރުގެ ކްރިކެޓް ކެޕްޓަން މޫސާ ކަލީމް ހުންނެވިއިރު އީޕީއެސް ސްކޫލް ޓީމުގެ ކެޕްޓަނަކަށް ހުންނެވެވީ ފައިސަލް ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

އިއްޔެގެ މެޗުގައި ފައިސަލް ފެނިގެން ނުދިޔަ ނަމަވެސް ވަރަށް ވަގުތު ކުރުކޮށް އެމެޗަށް ފައިސަލަށް ކްރިކެޓު ކޮންޓްރޯލް ބޯޑުން ދަޢުވަތު އެރުވުމަށްފަހު އެދަޢުވަތު ވަނީ އަނބުރާ ގެންދަވާފައެވެ.

"މީގެ ދެދުވަސް ކުރިން ފަރުހަތު ޖަލީލު [ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ނާއިބުރައީސް] އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި ކްރިކެޓު މެޗުގެ ޓީމު ލިސްޓުގައި އަޅުގަނޑު ހިމަނާފައިވާކަމަށް އަދި މެޗަށް އަޅުގަނޑަށް ދަޢުވަތު އެރުވުމަށް ޔޫތު މިނިސްޓަރ ވިދާޅުވިކަމަށް. ފަހުން އިއްޔެ ހަވީރު [ހޮނިހިރުދުވަހު] ގުޅުއްވާފައި ވިދާޅުވި ދަތުރު ހަމަޖައްސައި ނުދެވޭނެ ކަމަށާއި ދަތުރު އަމިއްލައަށް ހަމަޖައްސައިގެން ދާށޭ. އަޅުގަނޑު ދެންނެވިން މިއީ ކައިވެނި ޕާޓީއަކަށް ދަޢުވަތު ދެނީކީ ނޫނޭ އެހެންވީމާ ދަތުރު ހަމަޖައްސައިދެއްވުމުން ނޫންތޯއޭ ދަޢުވަތަކަށް ވާނީ. އަދި ދެންނެވިން އެހާ ވަގުތު ކުޑަތަންކޮށް އެންގުމުން އަމިއްލައަށް ދަތުރު ހަމަޖެއްސުމަކީ [ފްލައިޓުން ޖާގަހޯދުމަކީ] އުނދަގޫ ކަމެއްކަމުގައި. އެހެންދެންނެވުމުން ވިދާޅުވި ފަހުން ގުޅުއްވާނެމޭ. އެކަމަކު ރޭ ދިހައެއް ޖެހިއިރުވެސް ޚަބަރެއް ނުވި. މެސެޖެއްވެސް ކުރިން". ކްރިކެޓް ކޮންޓްރޯލް ބޯޑްގެ ނާއިބު ރައީސަށް ފޮނުވުއްވި އެސްއެމްއެސް ކައްޓެޅީގެ ރިޕޯޓަރާ ހިއްސާކުރައްވައި ކްރިކެޓު މެޗުގެ ދަޢުވަތުގެ ކަންތައް ދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަން ވެސް ކުރައްވާފައިވާ ފައިސަލް ކުރިކްޓްގެ ތެރޭގައި އުޅުއްވި ދުވަސްވަރުގެ (ކްރިކެޓުގެ) ގިނަ ރައްޓެހިންތަކެއް އިއްޔެގެ މެޗަށް ސަރުކާރުން ދަތުރު ހަމަޖައްސައިދީގެން ފުވައްމުލަކަށް ގެންދެވިއިރު އިއްޔެގެ މެޗަށް ދަޢުވަތު ލިބުނު ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާ ފައިސަލަށް ދަތުރު ހަމަޖައްސައި ނުދެއްވައި އަދި ދަތުރުގެ ކަންތަކާ ގުޅޭ ފަހުގެ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވުމުން ފައިސަލް ސިފަކުރެއްވީ އެއީ އޭނާއަށް ދެއްވި ދަޢުވަތު އަނބުރާ ގެންދެވީ ކަމުގައެވެ. އަދި އެކަން ވެގެންދިޔަ ގޮތާމެދު ހިތާމަ ކުރައްވާ ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެކަމަކީ ކޮންމެވެސް ކަމެއް އޭގެ ތެރޭގައި ވެގެން ހިގައި ދިޔަ ކަމެއް ކަމުގައި ފައިސަލް ސިފަކުރައްވައެވެ.

"އެއީ ކޮންމެވެސް ކަމެއް އޭގެތެރޭގައި ވެގެންދިޔަ ކަމެއް. މިހާރު ދެންނެވޭނީ ސިޔާސީ ކަމެކޭ ނޫންތޯ. އަޅުގަނޑު ބޭނުމެއް ނޫން ފަޅުރަށެއް ފަޅެއް. އަދި ސަރުކާރުގެ ޕްރޮޖެކްޓެއް ވެސް ބޭނުމެއް ނޫން. ނުވަތަ ބޮޑުބޭބެއަށް އެންބެސެޑަރުކަމެއްވެސް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް "ޑިޒާވް" ވާވަރުގެ ކަމެއް ސަރުކާރުން ލިބުން. އެގޮތުން އަޅުގަނޑަކީ ކުޅިވަރުގެ ރޮނގުން މިހާރުވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭ މީހަކަށްވެފައި އަޅުގަނޑާއެކު ކުޅެން އުޅުނު ގިނަބަޔަކު ގެންދިޔައިރު އަޅުގަނޑު ގެންދިއުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި އަޅުގަނޑު ގަބޫލުކުރަނީ. ހަގީގަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ އެމެޗުގައި ކުޅެން". ފައިސަލް ވިދާޅުވިއެވެ.

ތާރީޚީ ކްރިކެޓު މެޗަށް ފައިސަލަށް ދަޢުވަތު އެރުވިގޮތާ މެދު ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ނާއިބު ރައީސްގެ ބަހެއް ލިބޭގޮތް ނުވެފައިވާއިރު އެބޯޑުގެ ޖެނެރަލް ސެކެރެޓަރީ މުޙައްމަދު ފައިސަލް ވިދާޅުވެފައިވަނީ މެޗުގައި ކުޅުނު ކުޅުންތެރިންނަކީ ޔޫތު މިނިސްޓްރީން ފޮނުވި ލިސްޓުގައި ހިމެނޭ ކުޅުންތެރިން ކަމަށާއި ކުޅުންތެރިންނަށް ދަޢުވަތު ދިނުމުގެ އެއްވެސް ކަމެއް އެބޯޑުން ކުރިއަށް ގެންގޮސްފައި ނުވާކަމުގައެވެ.

އިއްޔެގެ މެޗުގައި ފުވައްމުލަކަށް އުފަން ކުޅުންތެރިއަކު ހިމެނުނު ނަމަ އެމެޗާމެދު ފުވައްމުލަކު ރައްޔިތުން ފަޚުރުވެރިވާ މިންވަރު އެތައް ގުނައެއް ބޮޑުވީސްކަން ހަމަޔަގީނެވެ. ނަމަވެސް ފައިސަލްގެ ފަރާތުން އެނގުނުގޮތުގައި ކަންހިގާ ގޮސްފައިވަނީ ވަރަށް ދެރަ ގޮތަކަށެވެ. ކަންމިހެން ހިގައި ދިޔަނަމަވެސް ފައިސަލަކީ އޭނާގެ ހަޔާތުގެ ވަރަށް ކުރީކުޅުން ފެށިގެންވެސް އިޖުތިމާޢީ ޚިދުމަތް ފަށްޓަވައި މިހާރު ވެސް އެޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމާމެދު ފުވައްމުލަކުގެ އެއްވެސް ރައްޔިތަކު ދެބަސް ނުވާނެމެއެވެ. ފުވައްމުލަކުގައި ތަފާތު އެކިއެކި ކުޅިވަރުތައް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވުމުގެ އިތުރުން ރަށު ފެންވަރުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތަކަށާއި އިޖުތިމާޢީ ގިނަ ހަރަކާތްތަކަކަށް ފައިސަލް އަންނަނީ ނުހަނު ދީލަތި އެހީތަކެއް ވެދެއްވަމުންނެވެ. ފައިސަލްގެ ހިއްސާއެއް ނެތި ރަށުފެންވަރުގައި ނުވަތަ އަވަށު ފެންވަރުގައި އެއްވެސް ކަމެއް ނުހިނގައޭ ދެންނެވުން ހައްގެވެ. ވަކި ފަރުދަކަށް ފައިސަލަށްވުރެ ވަކި ޚިދުމްތެރި ދަރިއެއް ފުވައްމުލަކުގައި ނެތޭވެސް ދެންނެވިދާނެއެވެ. ނަމަވެސް ކްރިކެޓްގެ ތާރީޚީ ސަފްހާއެއް އޭނާގެ އުފަން ރަށުގައި ލިޔަން ފެށި ޚާއްޞަ ދުވަހު އެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުމުން ނުވަތަ ފުރުޞަތު ނުދިނުމުން އޭނާ ހުރީ ދެރަވެފައެވެ.

Kedevari Online 2024