twitterviber whatsapp telegramfacebookyoutube instagram

"އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" ހުޅުވުމުގެ މެޗު ޕްރެސިޑެންޓް 11 ކާމިޔާބު ކޮށްފި

Oct 30, 2011

"އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު ޚާއްޞަ ކުރިކެޓް މެޗް ކްރިކެޓް ބޯޑް 11 އާއި ވާދަކޮށް، ޕްރެސިޑެނޓް 11 ގެ ޓީމް ކާމިޔާބު ކޮށްފިއެވެ.

20 އޯވަރުގެ މި މެޗުގެ ފްރަތަމަ އިނިންގްސްގައި ކުޅެންނުކުމެ ބޯޑް 11 ޓީމަށް 20 އޯވަރ، ނުވަ ވިކެޓަށް ހެދިފައިވަނީ 89 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ސްކޯ ކޮށްފައިވަނީ 24 ލަނޑު ހެދި ފަރުހަތު ޖަލީލެވެ. އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު، ދެ މެއިޑުން، ތިން ލަނޑަށް ދެ ވިކެޓް ނެގި އަލީ ނިޔާޒެވެ.

ޖަވާބުގައި ޕްރެސިޑެންޓް 11ގެ ޓީމް ކުޅެން ނުކުމެ 15 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދާފައި ވެއެވެ. މިނިންގްސްގައި އެންމެ ރަނގަޅަށް ސްކޯ ކުރީ 33 ލަނޑު ހެދި އަޙުމަދު ކަލީމެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރ، 12 ލަނޑަށް އެއް ވިކެޓް ނެގި ހަސަން ހަބީބެވެ.

ދެ ޓީމުގައިވެސް ރާއްޖޭގެ ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނު މި މެޗުގައި ބައްދަލުކުރި ޕްރެސިޑެންޓް 11 ޓީމްގެ ކެޕްޓަނަކީ ޗަންޕާ ހުސައިން އަފީފެވެ. ބޯޑް 11 ގެ ކެޕްޓަނަކީ ކެނެރީ އަބުދުއް ސައްތާރެވެ. މިއަދުގެ މެޗުގައި ކުޅުނު ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިބުރާހިމް އިސްމާއިލް، ޔޫތު މިނިސްޓަރ ހަސަން ލަތީފް، އިބުރާހިމް ނޫރައްދީން، ދޮންބިލެތް އަޙުމަދު ހަލީމް، މަޖިލިސް މެންބަރު އަލީ އާޒިމް، ފާއިޒް ސަމަދު، އަޙުމަދު ކަލީމް، ފަރުހަތު ޖަލީލުފަދަ ކުޅުންތެރިން ހިމެނެއެވެ.

"އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" އަކީ ތިން މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑެކެވެ. މި ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ "ސާކް ޓްވެންޓީ 20 ކަޕް 2011" ކްރިކެޓް މުބާރާތް އައްނަ އަންގާރަ ދުވަހު ފެށޭނެ އެވެ. ސާކް ގައުމުތަކުގެ ތެރެއިން ބަނގްލަދޭޝްފިޔަވާ އެހެން ހުރިހާ ގައުމަކުން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ބޫޓާން އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހު ހެނދުނު 9.30 އެވެ.

Kedevari Online 2024