ބަނދަރު ސަރަހައްދުގައި އިށީނުން މަނާ؟؟!!

Bandharu sarahahdhugai isheenun manaa??!!

 

ފުވައްމުލަކު ބަނދަރު ސަރަހައްދަކީ ރަށުގެ ގިނަ ރައްޔިތުން އެކި ކަންކަމުގައި ޖަމާވާ ވަރަށް މުހިންމު މަންޒިލެކެވެ. ބޯޓުފަހަރަށް މުދާ އަރުވާބޭލުމަށެވެ. ލޯންޗުތަކުންނާއި ދޯނި އަދި ބޯޓުފަހަރުން ފުރާ މީހުންނާއި އަންނަ މީހުންނެވެ. މަސްގަންނަން ދާ މީހުންނާއި މުނިފޫހި ފިލުވައިލުމަށް ބުރުޖަންދާ މީހުންނެވެ.

 

ކޮވިޑްގެ އާލަމީ ވަބާ ލައިގަތުމުގެ ކުރިން ފުވައްމުލަކު ބަނދަރުގައި މިގޮތަށް ޖަމާވާމީހުން ވާހަކަ ދަކައި ހިތް އުފާ ކޯށްލަން އިށީދެތިބެވޭނޭ ތަންތަން ކޮންމެސް ވަރަކަށް ހަދާފައި ހުއްޓެވެ. މިގޮތަށް ބަހައްޓާފައި އަދި އެލުވާފައި ހުރި ޖޯލިއާއި ބަހައްޓާފައި ހުރި ޖޯލިފަތިތަކަކީ އެސަރަހައްދަށް ޖަމާވާ މީހުން އެލުވާފައި ނުވަތަ ބައްހައްޓާފައި ހުރިތކެއްޗެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ އާއިއެކު އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހެން ހުރި ތަކެތި ވަނީ ނަގާފައެވެ. އެއިގެ ފަހުން ދެއަހަރުވަރު ވެގެންދިޔައިރުވެސް މިފަދަ ވަސީލަތްތަކެއް އެސަރަހައްދުން އަދި ފެންނާކަށްނެތެވެ.

 

މުޖުތަމައެއްގައި ދިރިއުޅޭ ރައްޔިތުންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި އެކި ސަރަހައްދުތަކުގައި އުޅޭ މީސްމީހުން އެއްތަނަކަށް ޖަމާވެ ވާހަކަ ދައްކާލައި އިޖްތިމާއީ ގުޅުންބުޅުން ބަދަހިކުރުމަށްޓަކައި ގިނަ މީހުން ޖަމާވާ ތަންތަނުގައި ފަސޭހައިން އިށީދެތިބެވޭނޭ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއްކަމުގައި ގަބޫލު ކުރެވެއެވެ. މިފަދަ ކަމަކުން ނިކުމެދާނޭ ގޯސް ނަތީޖާއެއް އަޅުގަނޑަކަށް ނުފެނެއެވެ.

 

ފުވައްމުލަކާއި އައްޑުއާއި ދެތެރޭ ދަތުރުފަތުރު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުކުރެވި ހިނގަމުންދާތާ މިހާރުވަނީ ޒަމާންތަކެއްވެފައެވެ. ބަނދަރުން ފުރާމީހުން ފުރުމުގެ ކުރިން މަޑުކުރާ ތަނަކީ ބަނދަރުގެ ފާލަން ސަރަހައްދެވެ. އަދި އަންނަމީހުންވެސް އެމީހަކު ދާ މަންޒިލަކަށް ދާން ޓެކްސީއެއް ލިބެންދެން މަޑުކުރަން ޖެހެނީ މިސަރައްދުގައެވެ. ކަނޑު ގަދަ ދުވަސްދުވަހު ދަތުރު ނިންމައި ރަށްފޭބޭ އިރު ވަރަށް ހާލު ދެރަވެފައިތިބޭ މީހުންވެސް ތިބެއެވެ. މިފަދަމީހުންވެސް ބައެއްފަހަރަށް ޓެކްސީއެއް ނުލިބި އެތައް އިރަކުވެސް މަޑުކުރަން ޖެހިދެއެވެ. އެހެނަސް މިހެން މަޑުކުރާ މީހުންވެސް އިށީދެލާނޭ ފަދައެއް ނުވަތަ އިންތިޒާމެއް މިސަރަހައްދުގައިވެސް ހަމަ ޖެހިފައެއް ނެތެވެ.

 

ފުވައްމުލަކު ބަނދަރު ސަރަހައްދަށް އެކި ބޭނުންތަކުގައި ޖަމާވާ އަދި ޒިޔާރަތްކުރާ މީހުންނަށް އިށީދެލެވޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ އެކަމަށް އެހާ ބޮޑު ޚަރަދުތަކެއް ހިނގާނޭކަމެއް ކަމުގައި ވެސް ގަބޫލެއް ނުކުރެވެއެވެ. އަދި ޚަރަދެއް ހިނގިއަސް އެއީ ކަމާބެހޭ ފަރާތްތަކަށް ނުއުފުލޭނޭވަރުގެ ބޮޑު ޚަރަދަކަށް ވާނޭކަމުގައި ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ހިތަށް އަރަނީ މިއީ ކުރުން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ނުކޮށް އޮތް ކަމެއްބާވައެވެ. ބަނދަރު ސަރަހައްދުގައި ތިބެންޖެހޭނީ ކޮޅަށްބާވައެވެ؟ ބަނދަރު ސަރަހައްދުގައި އިށީދެތިބުން އެއީ މަނާކަމެއް ބާވައެވެ؟

 

675
0 / 250
© 2024 Maaneyre
Developed by: