ތުނޑިން ވެލިނެގުން އަދިވެސް ނުހުއްޓި ކުރިއަށްދާ ގޯސް އާދައެއް

Thundin velinegun adhives nuhutti kuriahdhaa huthuru aadhaeh

 

ރޯދައަށް ގެއަށް ވެލިލުމަކީ އެއްޒަމާނެއްގައި ފުވައްމުލަކުގެ އާދާ ކާދައިގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކުރަމުން އައި ކަމެކެވެ. އެޒަމާނުގައި އެއީ އެކަން އޮންނަންވެސް ޖެހޭ ގޮތޭ ބުނެވިދާނެއެވެ. ސަބަބަކީ އެއީ ގޭތެރޭ ސާފުކޮށް ރީތިކޮށް ބައްވަން ކުރަމުން އައި ކަމަކަށްވާތީއެވެ.

 

އެހެނަސް މިއަދު މިއޮތީ ޒަމާބަދަލުވެފައެވެ. ދަނޑިފަނުން ހުރި ގެތައް ރާނައި ތަޅުން އަޅައި މުށިޖަހައިގެން ރީތިކުރާ ޒަމާނެއް އައިސްފައެވެ. ގޭތެރެއަށް ވެލިލާކަށް ނުޖެހެއެވެ. ގޯތިތެރެއަށް ވެލިލާކަށް ނުޖެހެއެވެ. އެހެނަސް އަދިވެސް ބައެއްގޭގޭ ގޯތިތެރެއަށާއި ވަކިން ޚައްސަކޮށް މަގުފާރު ކައިރިއަށް އަޅާފައި ހުންތަން މަދުން ނަމަވެސް ފެނެއެވެ.

 

ފުވައްމުލަކު ތުނޑީގައި ހުންނަ ވެއްޔަކީ އެހެން އެއްވެސް ތާކުން ނުފެންނަ ތާފާތު ރީތި ވެއްޔެކެވެ. ފުވައްމުލަކުގެ ގިނަ ރައްޔިތުން އެއީ ފަޚުރެއް ކަމުގައި ދެކެ އެވެލިގަނޑު ސަލާމަތުން ބޭއްވުމަށް ގަދަ އަޅައި މަސައްކަތް ކުރެއެވެ. އެކަމުގައި ބޮޑެތި ކާމިޔާބީތަކެއްބެސް ވަނީ ހާސިލުކޮށްފައެވެ. އާންމުކޮށް ހުއްދަ ނަގައިގެން ވެލިނަގަމުން އައި އައުން ނިމުމަކަށް އައިސް ތުނޑިން ވެލިނެގުމަކީ މިއަދު މަނާކަމެކެވެ.

 

މިއަދު އެކަން ކުރަނީ ސިއްރުންނެވެ. މަގުމަތީގައި ވީއްލިގެން އުޅެ ކުދިންގެ ތެރެއިން ކުއްޖަކަށް ފައިސާ ކޮޅެއް ދީގެނެވެ. އެފައިސާކޮޅު އެކުއްޖާ ބޭނުން ކުރަނީ ކުށުގެ އިތުރު އަމަލެއް ހިންގަންކަން އެނގިތިބެ އެފައިސާކޮޅު އޭނަޔަށް ދެނި އަޅުގަނޑުމެންގެ ތެރެއިން ތަސައްރަފު ފުދޭ ކަމަށް ދައުވާ ކުރާ މީހެކެވެ.

 

މިއީ ސަރުކާރުގެ މުއައްސަސާ ތަކުން ނިކުމެ ރައްޔިތުންގެ ތެރެއިން ބަޔަކު ކުއްވެރިކޮށް އަދަބު ދީގެން ހުއްޓުވަން ޖެހޭ ކަމެއް ނޫނެވެ. މިއީ މި މުޖުތަމައުގައި ދިރިއުޅޭ ފަރުދެއް ހައިސިއްޔަތުން ފަރުދީ ޒިންމާ ނަގައިގެން ހުއްޓާލަން ޖެހޭ ކަމެކެވެ. ވެލި ނަގަން ފައިސާ ދޭ މީހާ އެކައްޏެއް ނޫނެވެ. އެކަން އެނގޭ އެކަން ފެންނަ މީހާވެސް ޒިންމާ އަދާކުރަން ވީއެވެ.

 

1405
0 / 250

މޫސަ މަނިކު

1 year ago

އެއްގޮތަކަށްވެސް ރަގަޅު ާހަކެއް ނޫނެވެ. ރޯމާ ދުވާލު މިފަދަ ކަންކަން ކުރާ އިރު ފުލުހުންނާއި ކައއުންސިލުން ބަލަހައްޓައިގެން ތިބުމަކީ އިހުމާލުވުމެވެ. މިކަމުގައި ފިޔަވަޅު އެޅެން ޖެހެއެވެ

ޢިބްރާހިމް

1 year ago

ގިނަ ފަހަރު ތި ވެލި ގަންނަނީވެސް ބަހެއް ބުނެވޭވަރައް ވުރެ މޮޅު އަދި ގަދަރުވެރި ބޭފުޅުން.

© 2024 Maaneyre
Developed by: