ބަންޑާރަކިޅި ނާޒުކު ފައްތަރެއްގައި؟!

Bandaarakilhi naazuku fahthareggai?!

 

ބަންޑާރަ ކިޅިއަކީ ފުވައްމުލަކު ރީތިކަމުގެ ރަމްޒެކެވެ. ފުވައްމުލަކަށް ޒިޔާރަތް ކުރާ ކޮންމެ މީހަކުމެ އެތަނަކަށް ޒިޔާރަތްކޮށް އެތަނުގެ ރީތިކަން ދެކިލައި ހިތްހަމަޖެހުން ލިބިގަންނަ މުހިންމު މަންޒިލެކެވެ.

 

2003 ވަނައަހަރު ފުވައްމުލަކުގެ ބަނދަރު ހުޅުވުމަށްޓަކައި ބަންޑަރަކިޅީގައި ފާލަމަކާއި އެކު ގައިމު ކުރެވުނު ޕްލެޓްފޯމަކީ ފުވައްމުލަކަށް އަންނަ މެހެމާނުންނަށާއި ފުވައްމުލަކު ރައްޔިތުންނަށް ބަންޑާރަކިޅީގެ ރީތިކަން ބަލައި ހިތްހަމަ ޖައްސާލުމަށް ހުޅުވުނު ދޮރެވެ. އެއިގެ ފަހުން 2011 ވަނަ އަހަރު މިސަރައްދުގައި ބޭއްވުނު ސާކްސަމިޓާއި ގުޅުވައިގެން ކުރިންދެންނެވި ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް ފުރިހަމަ ކުރެވުނެވެ. އެއާއި އެކު ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހުން ބަލައިލަންބޭނުންވާ ތަންތަނުގެ "ބަކެޓް ލިސްޓް" ގެ އެންމެ ކުރިއަށް ބަންޑަރަކިޅި އައެވެ. 2012 ވަނަ އަހަރު މަދު ދުވަސްކޮޅަކަށް ނަމަވެސް އެތަނުގައި ރެސްޓޯރެން ޚިދުމަތް ފެށުމާއި އެކު ބަންޑަރަކިޅިއަށް އިތުރު މަޝްހޫރުކަމަކާއި ސަމާލުކަމެއް ލިބިގެން ދިޔައެވެ. ބަލައި ފޫހި ނުވާ ގުދުރަތީ ރީތި މަންޒަރެވެ. އެއްދިމާއިން އަނެއް ދިމާއަށް އުދުހެމުންދާ ދޫނިތަކެވެ. ފެންގަނޑުގެ ތެރޭގައި ވަރުބަލިކަމެއްނެތި ދުވާ މަސްތަކާއި ކުދިމަސްތައް ކެއުމަށް ނިކުމެ އުޅެ ކަނބިލިއާއި ވަލިކުކުޅެވެ. ރޭގަނޑު ތަނަށް ވެރިވާ ހަމަހިމޭންކަމާއި އެހަމަހިމޭންކަމުގެ ތެރެއިން ގުގުމާލާފައިހުންނަ ފަނި ފަކުސާތަކުގެ އަޑެވެ.

 

މިއަދު އަނެއްކާވެސް އެތަނުގައި ރެސްޓޯރެންޓެއް ހުޅުވި ތަނުގެ ހިންހަމަޖެހުން ފުރިހަމަ ގޮތުގައި ލިބިގަތުމުގެ ފުރުސަތު އެންމެންނަށް ހުޅުވިފައިވާ އިރު މަންޒަރުގެ ރީތިކަމަށް ވަނީ ބަދަލު އަންނަން ފަށާފައެވެ. ތަނުގެ ތަބީއަތަށް ވަނީ ގޮތްނޭގޭ ބަދަލުތަކެއް އަންނަން ފަށާފައެވެ.

 

މީގެ އަހަރުތަކެއް ކުރިން ބަންޑާރަކިޅީގެ ތަބީއަތަށް ފުރަތަމަ ދިމާވި ގޮންޖެހުމަކީ ލޮޓަސް އެވެ. ކިޅީގެ ތެރެއަށް ލެވުނު އެންމެ ގަހެއް އާލާވެ މުޅި ކިޅީގެ ބޮޑުބައެއް ހިފައިގަތުމެވެ. ނަމަވެސް އޭރު އޮތް ކައުންސިލާއި ކައުންސިލް އިދާރާގެ މުވައްޒަފުން އަދި ކަމާއި ބެހޭ ފަރާތްތަށް ގުޅިގެން ކުރެވުނު ވަރަށް ބުރަ މަސައްކަތަކުން ވަނީ އެމައްސަކަ ހައްލުކޮށްފައެވެ.

 

މިއަދު ބަންޑަރަކިޅިއަށް ވަނީ އަނެއްކާވެސް އެފަދަ އިތުރު މައްސަލައެއް ދިމާވެފައެވެ. ކިޅި ތިލަވުމުގެ މައްސަލައެވެ. ބަންޑާރަކިޅީގައި ބޮޑު ބަޔަކީ "މަޑޮގަނޑޮ" ކިސަޑެވެ. ނަމަވެސް އަބަދުވެސް ފޫޓެއްހާ ފުންމިނުގެ ސާފުފެންފަށަލައެއް އޮވެއެވެ. މިހާރު ބަންޑާރަކިޅިއަށް ބަލައިލުމުން ފެންނަނީ ގިނަ ދިމަދިމާއިން ކިސަޑުގަނޑު މައްޗަށް އަރައި ކިޅީގެ ބޮޑުބައެއް ހިކިފައިވާ ތަނެވެ. ކިޅީގެ ރީތިކަން ގެއްލިފައިވާތަނެވެ. މިބަދަލަކީ ވަގުތީ ނުވަތަ ދާއިމީ ބަދަލެއްތޯ ރަގަޅަށް ބަލައި ދިރާސާކޮށް ފިޔަވަޅު އަޅަންޖެހޭކަމެކަމުގައި ދެކެމެވެ. ނޫނީ ކިޅީގެ ރީތިކަން ތާ އަބަދަށްގެއްލިގެން ދިއުމަކި އެކަށީގެންވާކަމެކެވެ.

 

ފެންނަ މަންޒަރަށް ބުރަވާއިރު ބަންޑަރަކިޅި އޮތީ ނާޒުކު ހާލަތެއްގައެވެ. ހާލަތު ބަދަލުކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކަކަށް ބޭނުންވެފައެވެ.

 

763
0 / 250
© 2024 Maaneyre
Developed by: