އާ ކައުންސިލަށް ރައްޔިތުން ކުރި އުންމީދު ހާސިލު އެބަވޭހެއްޔެވެ؟

Aa council ah rayyithun kuri unmeedu haasilu evabey heyyeve?

 

މިހާރު ހިނގަމުންމިދާ ދައުރަށް އިންތިޚާބުކުރެވިފައިވާ ސިޓީ ކައުންސިލާކީ ފުވައްމުލަކު ރައްޔިތުން އެކައުންސިލަކާއި ދޭތެރޭ އެތައް އުންމީދުތަކެއް ކުރި ކައުންސިލެކެވެ. އެތައް ސަބަބުތަކެއް ހުރުމާއިވެސް އެކުގައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށް ބަލައިލާއިރު އެއީ ރާއްޖޭގެ ނިސްބަތުން އެންމެ ގާބިލު އެއް އިދާރާއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކައުންސިލް އިދާރާގެ ހުރިހާ ދިމާއަކުންވެސް ފެންނަން ތިބީ ކިޔަވައިގެންތިބި ގާބިލު ޒުވާނުންނެވެ. މުޅި އިދާރާ އަށް ބަލައިލާއިރުވެސް ޑިގްރީލެވެލް އަށްވުރެ ދަށް ފާހެއް އޮތް އެންމެ މުވައްޒަފަކުވެސް ނެތޭ ދެންނެވިދާނެއެވެ. މި ހުރިހާ މުވައްޒަފުންނަކީވެސް ފުވައްމުލަކުގެ ދަރިންނަށްވެފައި އެކީ އެކުގައި އުޅެބޮޑުވި މީހުންނަށްވާތީ ވަރުގަދަ ރޫހެއްގައި އެމުވައްޒަފުން ލައްވައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުވުމަކީ ދަތިކަމަކަށްވާނޭ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

 

ކައުންސިލް މޭޔަރަކީ ކިޔަވައިގެންހުރި ދުނިޔެއަށް ލޯހުޅުވިފައިވާ ގާބިލު ބޭފުޅެކެވެ. ކައުންސިލް މެންބަރުން ނަކީ ތަޖުރިބާ ހުރި ގާބިލު ބޭފުޅުންނެވެ. ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ. އެމްޑީޕީ އަށް ނިސްބަތްވާ މެމެބަރުން ފިޔަވައި ދެން ތިއްބެވީ ޕީޕީއެމް އަށް ނިސްބަތްވާ ދެބޭފުޅުންނެވެ. ރަށުގެ ލާބަޔާއި ކުރިއެރުމަށް ނިންމޭ ނިންމުމެއްގައި މިބޭފުޅުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

 

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލުކުރައްވަން ތިއްބެވީ ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވާ ތިން މެމްބަރުންވެ. ރަށުގެ ކަންކަމުގައި އެއްބާރުލުން ދެއްވާ، ރަށުގެ ކުރިއެރުމަށް ފެންބޮވައިގެންފައި ތިއްބެވި ތިން ބޭފުޅުންނެވެ.

 

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅެކެވެ. ކުޑައިރުއްސުރެ ފުވައްމުލަކުގެ ލާބަޔާއި ކުރިއެރުމަށް މަސައްކަތް ކުރައްވަމުން ވަޑިއިގެންނެވި އެފަދަ ދެވަނައެއް ނުވާ ޚިދުމަތްތެރިއެކެވެ.

 

މީގެ އިތުރުންވެސް ދައުލަތުގެ މުހިންމު ބާރުގަދަ މަގާމުތަކުގައި ފުވައްމުކުގެ އެތައް ދައިންނެއް އެބަ ތިއްބެވިއެވެ. މިއިން ކޮންމެ ބޭފުޅަކީވެސް ފުވައްމުލަކުގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ބާފުޅުން ކަން ޔަގީނެވެ.

 

ކަންކަން މިހެން ހުރިއިރު މި ދައުރުގައި ފަތުއަޑު ގޮވާފައި ފުވައްމުލައް ކުރިއަރައިގެން ނުދާންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ މިއެންމެ ބޭފުޅުން ގުޅިގެން ކުރެވޭ ކުޑަކުޑަ ހިތްވަރެކެވެ. ސުވާލަކީ މިހިތްވަރު އެބަ ކުރެވޭ ހެއްޔެވެ.

 

ޚިޔާލަކީ ވަރަށް ތަފާތުއެއްޗެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރަންޖެހެނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. ރަށް ހިންގުމާއި ހަވާލުބެގެން ތިއްބެވީ އެބޭފުޅުންނެވެ. ދެން ތިއްބެވި ބޭފުޅުންގެ ދައުރަކަށް ވާނީ ކައުންސިލުން ރާވާ ކަންކަން ކުރުމަށް މަގުފައިކޮށްދިނުމެވެ.

 

ރައްޔިތުންނަށް އެތައް ފޮނި ހުވަފެންތަކެއް ދައްކަވައިގެން އިންޚާބުކާމިޔާބުކުރެއްވި ބޭފުޅުން ފެންނަނީ އެ ދެއްކެވި ހުވަފެންތައްމަތިން ޚުދު އެބޭފުޅުންވެސް ހަދުމަފުޅު ނެތިފައިވާތަނެވެ. ސްޓްރެޓެޖިކް ލެވެސްއެއްގައި ވިސްނަވައި ވަރުގަދަލަނޑުދަނޑިތަކެއް ކަނޑަ އަޅުއްވައި އެލަނޑުދަނޑިތައް ހާސުލުކުރެއްވުމަށް ބޭނުންވާ ރަނގަޅު ޕްލޭންތަކެއް ހެއްދެވުމުގެ ބަދަލުގައި އެބޭފުޅުންވެސް ފެންނަނީ މައިކްރޯ މެނޭޖްމަންޓް މަޅިއެއްގައި ޖެހި ސަލާމަތް ނުވެވިގެން އުޅުއްވާތަނެވެ. ކުރެވޭ މަދުކަމެއްވެސް ކުރެވޭތަން ފެންނަނީ ނަމެއްގައެވެ. އާރުލާ ކަންތައްތަކެއް ކުރެވޭ ތަނެއް ނުފެނެއެވެ.

 

ރައްޔިތުންގެ މާޔޫސްކަންފެންނަނީ އިންތިހާ އަށް ގޮސްފައިވާތަނެވެ. ހޮޅުއަށިތަކާއި ކަންކަންމަތިން އަދި ކޮފީ މޭޒުތަކުން އިވޭ އަޑުތަކަށް ބަލާއިރު ކައުސިލާއި ދޭތެރޭ ރައްޔިތުން ކުރި އުންމީދުވަނީ ބިލާހަށްވެ ނިމިފައެވެ. ކައުސިލްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުން އެމަގާމަށް ގެންނަން ހޭބޯނާރާ މަސައްކަތް ކުރެއްވި ބޭފުޅުން ފެންނަނީ ކައުންސިލް ކަމު ނުގޮސްގެން ވަހަކަ ދައްކާތަނެވެ. ފުވައްމުލަކުގެ ހަޔާތުން ފަސްއަހަރު ބޭކާރުވެއްޖެއޭ ވިދާޅުވާއަޑެވެ.

 

564
0 / 250
© 2024 Maaneyre
Developed by: