އޭރުގެ ހަނދާންތައް – އަލަށް ސައިކަލެއް ފެނުނު ޒަމާން

Eyruge handhaanthah - Alah cycle eh fenunu zamaan

މިއީ ތާރީޚީ ލިޔުމެއް ނޫނެވެ. އެހެންނަމަވެސް އޭރު ކަންކަން ހުންނަގޮތް ބާޔާންކުރުމުގެ ލިޔުމެކެވެ. ފުވައްމުލަކަށް އެންމެ ފުރަތަމަ ސައިކަލެއް ގެނައި ކޮން އަހަރަކު ކަން ހަނދާނެއްނެތެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ދެކޭ ހަނދާންވަނީ ފުވައްމުކު އަތޮޅު އޮފީހަށް ގެނައި ސައިކަލެކެވެ.

 

އޭރަކު ފުވައްމުލަކުގެ މަގުތަކުގައި އިންޖީނުއެޅި އުޅަދުފަހަރެއް ނުދުއްވައެވެ. އެންމެ ބޮޑު އުޅަދަކަށް ދަމާ އުޅުނީ ބޮޑު ގާޑިޔާއެވެ. ވެލިމަގުތައް ހުންނަނީ ވަރަށްވެސް ރިތިކޮށް އޮމާންކޮށެވެ. މަގުގެ ދެފަރާތުގައި ކަށިވެލި ހުންނައިރު މެދު އޮންނާނީ ފަސްގަނޑު ހަރުކޮށް އޮމާންކޮށެވެ.

 

ގޭގެއިން އިވޭ ރޭޑިއޯގެ އަޑުފިޔަވައި ތަބީޢީ އަޑުތައް ނޫން މާގިނަ އެހެން އަޑުތަކެއް ނީވޭނެއެވެ. އަޅުގަނޑު އޭރު އުޅެނީ ދިގުވާނޑު ރާވޭރުން ދަޑު ސަރަހައްދުގައި ހުންނަ އަޅުގަނޑުގެ މާމަމެންގޭގައެވެ. އަތޮޅު އޮފީހުން ނުވަތަ އަތޮޅުގެއިން ނިކުމެ ދުއްވާލާ ސައިކަލުގެ އަޑު ރާވޭރުންދަޑާ ހަމަޔަށްވެސް އިވޭނެއެވެ. ސައިކަލު އަންނަ އަޑު އިވޭއިރަށް މުޅި ހިސާބުގަނޑުގެ ހުރިހާ ކުދިވެރިން ތިބިތަނަކުން ފަޔަށް ބާރުލާފައި ދުވެ މަގުމަޢްޗަށް ނިކުންނާނެއެވެ. ސައިކަލު ދިއުމުން އެދުވާ މީރުވަހަކީ އާދަޔާ ޚިލާފު މީރުވަހެކެވެ. އޮމާން މަގުން އެއިގެ ފަރި ދުވެލީގައި ސައިކަލު ދުއްވާފައިދާ މަންޒަރަކީ އާދަޔާ ޚިލާފު ހިތްގައިމު މަންޒަރެކެވެ. އެއަށްވުރެވެސް ބޮޑު ހިތްހަމަޖެހުމަކީ އެދުވާ މީރުވަހެވެ. އެބަޔަކު އެތިބޭ ހިސާބެއް ފަސްދީ ސައިކަލު ދާއިރަށް މަގުމެދަށް ތިރިވެ ސައިކަލު ދިޔަ ރޮނގުގައި ވަސްގަތުމަކީ އޭރުގެ އާދައެވެ. އަދި ތެދުވެ އެދުވި މީރުވަހުގެ އިހުސާސް އެކަކު އަނެކަކަށް ކިޔައިދޭނެއެވެ.

 

އެއީ އެޒަމާނުގެ އާދައެވެ. އެންމެންވެސް ކުރި ކަމެކެވެ.

 

55
0 / 250
© 2024 Maaneyre
Developed by: