އޭރުގެ ހަނދާންތައް – ފުޅި ބައްތީގެ ޒަމާން

Eyruge handhaanthah - Fulhibahtheege zamaan

އަޅުގަނޑު ހަނދާން ހުންނަންފެށިއިރު އަދި ފުވައްމުލަކަށް ކަރަންޓު ތަޢާރަފެއްނުވެއެވެ. ރޭގަނޑުގެ ކަނު އަދިރިކަމުގެ ތެރެއަށް އަލިކަމެއް ގެނައުމަށް ބޭނުންކުރަމުން އައީ ފުޅިބައްތިއެވެ. ފުޅި ބައްތީގެ އިތުރުން ކަރާސިނުތެޔޮ އަޅައިގެން ދިއްލާ ހޮޅިބައްތި އާއި ފާނޫޒުވެސް ދިއްލައިއުޅުނެވެ. އެކަމަކު އެބައްތި ދިއްލާނީ ކިޔެވުމަށާއި އެހެންހެންވެސް މުހިންމު ކަންކަން ކުރާ ވަގުތު ތަކުގައެވެ. އެއީ އަބަދު ދިއްލާފައި ބަހައްޓާ އެއްޗެއްސެއްނޫނެވެ. ނުވަތަ މުޅި ރޭގަނޑުގެ ބައިވެރިއެއްނޫނެވެ.

މިދެންނެވި ބައްތި ތަކަށްވުރެ އަދި މާ އަލިގަދަ އެހެން އެއްޗެއްވެސް ދިއްލައި އުލުނެވެ. އެއަށް ކިޔަނީ ބިގަރެވެ. އެހެންމަވެސް އެއީ އާންމު އެއްޗެއް ނޫނެވެ. ދިއްލާފައި ހުއްޓައި ދެކުނު ހަނދާނެއްވެސް ނުވެއެވެ.

 

ކަރާސީނު ތެޔޮ އަޅައިގެން ދިއްލާ ފުޅިބައްތި އަށްވުރެ ކުރިން ކާށިތެލުން ވޮށް ދިއްލައި އުޅުނު ވާހަކަވެސް އަޑު އަހަމެވެ. އެހެންނަމަވެސް އައީ އަޅުގަނޑުގެ ހަނދާނަށްވުރެ ކުރިއެވެ.

 

ފުޅި ބައްތި ހަދާފައި ހުންނަނީ އަނގަ ފުޅާ ބިއްލޫރި ފުޅިންނެވެ. ހިފައި ގެންގުޅުމަށާއި ތަންތަނުގައި އެލުވާފައި ބޭއްވުމަށް (ހީވާގޮތުން ލޯނަރުން) ހަދާފައި ވާ އަތްގަނޑެއް ފުޅީގައި ހަރުކޮށްފައި ހުންނާނެއެވެ. އަދި ފުޅީގެ އެއްކައިރިއަށް މަހައިލުމުން މަތިން ތިރިއަށް އަދި އެއްފަރާތުން އަނެއްފަރާތަށްވެސް މެދަށް ވާގޮތަށް ފީތާލެއްވުމަށް ހޮޅިކޮޅެއް ހައުކޮށްފައި ހުންނާނެއެވެ. ބައްތީގެ ފީތާ ހުންނާނީ ހޮޅި ތެރެއިން އައިސް ހޮޅިން މައްޗަށް ކުޑަ ތަންކޮޅެއް ހުންނަ ވަރަށެވެ. އަދި ތިރިއަށް ދިގުކޮށް ބައްތިއަށް އަޅާފައި ހުންނަ ތެލަށް ރަނގަޅަށް ފޯރާވަރަށެވެ. ފީތާ ލުމަށް ސުތުލި ކިޔާ އެއްޗެއް ބޭނުންކުރާ ވާހަކަ އަޑުއަހާ ހަނދާނެއްވެއެވެ. އަޅުގަނޑުމެންގޭގައި އަދި ދެކޭ ގިނަގޭގެގައި ބައްތީގެ ފިތާއަށް ބޭނުންކުރާނީ ހަނިކޮށް އިރާފައި އޮންނަ ފޮތިކޮޅެކެވެ.

 

ބައްތި ފޮހުމަކީ/ސާފުކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެކެވެ. ދިއްލާފައި ހުންނައިރު ދުމުގެ އަސަރު ކޮންމެވެސް ވަރަކަށް ހުންނާތީ ފުޅީގައި ދުން ހިފައި ބައްތި އަނދިރިވާގޮތް ވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ސާފުނުކުރާނަމަ އަލިކަމަށް ބަދަލު އާދެއެވެ. ބައްތި ސާފުކުރާ އިރު ކުރީރޭ އެޅާފައި ހުންނަ ތެލުގެ ބާކީ ހުންނަ ބައިވެސް ފުރާނަން ޖެހެއެވެ. ބައްތީގެ އައްޔަށް އަންނަ ޕަރުވާނާ ފަދަ ފަނިފަކުސާތައް ތެލުގެ ތެރެއަށް އެޅިފައި ހުންނާނެއެވެ. ބައްތި ސާފުކުރާ އިރު ދެ ފޮތިކޮޅާއި ދަނޑިކޮޅެއް ބޭނުންވާނެއެވެ. އެއީ ތެޔޮ ފުރާނަން ފޮތިކޮޅަކާއި ސާފުކުރާން ފޮތިކޮޅެކެވެ. ދަނޑިކޮޅުގެ ބޭނުމަކީ އެތެރެއަށް އަތް ނުވަންނަ ވަރުގެ ފުޅިން ހަދާފައި ހުންނަ ބައްތި ސާފުކުރާއިރު ބޭނުން ކުރުމަށެވެ. ބައްތި އަށް ތެޔޮއަޅަންޖެހޭނީ ވަކި މިނަކަށެވެ. އަދި ބައްތީގެ ފީތާ ހޮޅިން ނެރެފައި ބަހައްޓަންވާނީވެސް ވަކިވަރަކަށެވެ. މާބޮޑަށް ބޭރަށް ހުރެއްޖެ ނަމަ ހުޅުގަނޑު މާ ބޮޑުވެ ދުން އަރާގޮތް ވެއެވެ.

 

އާންމުކޮށް ބައްތި ފޮހޭތަން ފެންނަނީ އަދި އަޅުގަނޑުމެން އެކަން ކުރާއިރު ކުރަނީވެސް ހަވީރު އިރުއޮއްސޭގަޑިއާއި ކައިރިކޮށެވެ. އެކަން އެގޮތަށް ކުރުމުގެ ޙިކުމަތެއް އޮންނަކަމެއް އަދި އެޙިކުމަތަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭގެއެވެ.

ކުރިންވެސް ދެންނެވިހެން ފީތާ ހޮޅިން މައްޗަށް ނެރޭވަރަކަށް ބައްތީގެ ހުޅުގަނޑު ބޮޑުވާނެއެވެ. މާބޮޑު ވެއްޖެއްޔާ ދުން އަރަން ފަށައެވެ. އެހެންކަމުން ބައްތި ރޯކޮށްފައި ބަހައްޓާނީ ހުޅުކޮޅު ވީ އެންމެ ބޮޑެއްކޮށް އެކަމަކު ދުން ނާރާ ވަރަށެވެ. ހުޅުކޮޅު ބޮޑުވި ވަރަކަށް އަލި ގަދަވާނެއެވެ.

 

އިރު އޮއްސުމާއިއެކު ހުރިހާ ގެއްގައިވެސް ބައްތިތައް ރޯކޮށް ދިއްލާނެއެވެ. ޒަމާނަކީ ގިނަ މީހުންގެ ފޯރުންތެރިކަން އެހާ ބޮޑު ޒަމާނެއް ނޫންކަމުން ބައްތި ދިއްލުމުގައިވެސް އިގުތިސާދު ކުރަންޖެއެއެވެ. އޭރު ގެތަށް ހުންނަނީ މިހާރު ހުންނަގޮތަށް ސިޓިންރޫމާއި ވަކިވަކި ކޮޓަރިތައް ލާފައެއްނޫނެވެ. ބައެއްގޭގޭގައި ހުންނާނީ ހަމަ އެންމެ ބައެކެވެ. އަނެއްބައި ގޭގޭގައި ބޭރުބަޔަކާއި އެތެރޭބައެއް ހިމެނޭހެން ދެބަޔަކަށެވެ. ތަނަވަސް މީހުންގެ ގޭގޭގައި އެއަށްވުރެ ގިނަ ބައިބައިވެސް ހުރެއެވެ. އާންމުކޮށް ބައްތި އެލުވާފައި ހުންނާނީ ގޭގޭ އެތެރޭގައި ހުންނަ ދޮރުގައި ދެފަރާތަށްވެސް އަލިވާގޮތަށެވެ. ކިޔަވާކުދިން ކިޔަވާ ގަޑީގައި އެމީހުން ކިޔަވަން ތިބޭތަނެއްގައި އެމީހުންނަށް އަލި ލިބޭގޮތަށް ކިޔަވައި ނިމެންދެން ވަކި ބައްތި ދިއްލައެވެ.

ނިދަންވުމުން އާންމުކޮށް ހުޅުކޮޅު ހުންނަވަރަށްވުރެ ހުޅުކޮޅު ކުޑަކޮށް ކަނި ކޮއްލައެވެ. ޚަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.

ފުޅި ބައްތީގެ އައްޔަކީ އަކީ ވަރަށް ފަނޑު އައްޔެކެވެ. މިހާރުގެ ކުދިންނަށް ހިތަށްވެސް ގެންނަން އުނދަގޫވާނެކަން ޔަގީނެވެ.

އާދައިގެ އުތްބައްތިއެއްގެ އަލިކަމަށްވުރެވެސް ފުޅިބައްތިއެއްގެ އަލިކަން ފަނޑުވާނެއެވެ.

 

އެއީ އެޒަމާނުގެ ޙާލަތެވެ. އެކަމަކުވެސް އުޅުނީ ހިތްހަމަޖެހިގެންނެވެ. ކުރަން ޖެހުނު ހުރިހައި ކަމެއް ކޮށްގެންނެވެ.

269
0 / 250
© 2024 Maaneyre
Developed by: