އޭރުގެ ހަނދާންތައް – ކަރަންޓުގެ ޚިދުމަތް

Eyruge handhaanthah - Karantuge khidhumai

މިފަދަތާރީޚު ތަކަކީ ލިޔެވި ރައްކާކުރެވިފައި ހުރިއެއްޗެއް ނޫނެވެ. އިއްޔެވީ ކަމެއްހެން ހަނދާންހުރިކަންކަމެވެ. އެހެނަސް ކަންކަން ހިނގި އަހަރާއި މަހާއި ދުވަހުން ތާރީޚު ކިޔަން އުނދަގުލެވެ. މި ލިއުންކޮޅު ލިއަންފެށުމުގެ ކުރިން މިކަމުގެ މައުލޫމާތު ދަންނާނޭހެން ހީވާ ބައެއް ފަރާތްތަކާއި ވާހަކަވެސް ދައްކައިލީމެވެ. ނަމަވެސް އެމީސްމީހުނަށް ވެސް ސީދާ މިކަންކަމުގެ ބައެއް ތާރީޚުތައް ކިޔައިދޭކަށް ނޭގުނެވެ. ފުރިހަމަ ދިރާސާއެއް ކުރެވިއްޖެ ނަމަ ގިނަ މައުލޫމާތާއި ތާރީޚު އެގިދާނޭކަމަށް ޤަބުލުކުރެވެއެވެ.

 

ފުވައްމުކަށް ކަރަންޓު ތައާރަފުވީ 1980 ގެ ކުރީކޮޅުގައި ކަމަށް ލަފާ ކުރެވެއެވެ. ގިނަ މީހުން ބުރަވާގޮތުގައި (ޔަޤީން މައުލޫމާތެއް ނޫން) ފުވައްމުލަކަށް އެންމެ ފުރަތަމަ އިންޖީނެއް (އިލެކްޓްރިކް ޖެނެރޭޓަރ) ގެނައީ ފުވައްމުލަކު މިސްކިތްމަގު ރައުތަށެވެ. އެހެންކަމުން ފުވައްމުލަކުގައި ކަންޓުގެ ތަޖުރިބާ އެންމެ ފުރަތަމަކުރީ މިސްކިތްމަގު މީހުން ކަމަށް ޤަބޫލުކުރެވެއެވެ.

 

އަޅުގަނޑު މެން ސަރަހައްދަށް (ދިގުވާނޑި ރާވޭރުންދަޑޮ) އެންމެ ފުރަތަމަ ކަރަންޓު ތަޢާރަފު ކުރީ ދިގުވާނޑު ޝީރާޒު، އަޙުމަދު ރަޝީދު އިބްރާހިމް (މަރިއާނގެ ރަޝީދު) އެވެ. އެއީ މީލާދީ ތާރީޚުން 1981 ވަނަ އަހަރުއެވެ. އޭރު ރަޝީދަކީ ސީމަނެކެވެ. އަޅުގަނޑުމެންގެ ބަހުރުވައިން ދަންނަވާނަމަ ބޭރު ދަތުރުކުރާ މީހެކެވެ. ކަރަންޓު ދޭން ބޭނުންކުރީ ފަސްކިލޯވޯޓުގެ އިންޖީނެކެވެ. އިންޖީނު ބަހައްޓާފައި ހުރީ ފުވައްމުލަކު ބިހުގެ ގައި، އަޅުގަނޑު ހަނދާންވާގޮތުން ލަކުޑިން ހަދައި ޓިނުން ހިޔާކޮށްފައި ހުރި ކުޑައިމާރާތެއްގައެވެ. އެ އިންޖީނު ބޭނުންކޮށްގެން ގާތްގަނޑަކަށް މުޅި ދިގުވާނޑު އަދި ދަޑިމަގު އަވަށަށް ކަރަންޓުގެ ޚިދުމަތް ދިނެވެ. ސަރަހައްދުގެ ބޮޑުމަގުން އިންޖީނުގެއިން ފެށިގެން މަތިން ދަމާފައި އޮންނަ ކޭބަލެއް ބޭނުންކޮށްގެންނެވެ.

 

އޭރަކު ކަރަންޓުން ބޭނުންކުރާ މިހާރު މިގެންގުޅޭ އާލާތްތަކެއް ނުހުރެއެވެ. ކަރަންޓު ބޭނުންކުރަނީ ހަމައެކަނި ދިއްލުންތަކަށެވެ. ދިއްލަން ބޭނުން ކުރަނީ ބޮކި އާއި ހޮޅިބުރިއެވެ. އާންމުކޮށް ފަސްވޯޓު ބޮކިއާއި 10ވޯޓު (އެއްފޫޓު) ހޮޅިބުރިއެވެ. ކަރަންޓުގެ ޚިދުމަތް ދޭނީ އިރުއޮއްސި ހަޔަކުން ރޭގަނޑު 11 ޖަހުމާ ހަމައަށެވެ.

 

ޚިދުމަތަށް އަގުނަގާނީ މިހާރު ނަގާގޮތަށް މީޓަރު ބަހައްޓައިގެން ބިލު ކުރާ އުސޫލަކުން ނޫނެވެ. ފަސްވޯޓު ބޮކިއެއް ދިއްލާނަމަ މަހަކަށް ފަސް ރުފިޔާއެވެ. އެއްފޫޓު ހޮޅިބުރިއަކަށް މަހަކަށް 10 ރުފިޔާއެވެ. ދެފޫޓު ހޮޅިބުރިއަކަށް މަހަކަށް 15 ރުފިޔާއެވެ. ދެފޫޓު ހޮޅިބުރިއަކީ އާންމުއެއްޗެއް ނޫނެވެ. ތަނަވަސް ބައެއް ގޭގޭގައި ދިއްލައި އުޅުނެވެ.

 

ދެން އިންޖީނެއް ގެނައި ހަނދާން އަޅުގަނޑު ވަނީ ދަޑިމަގު މޫން ހައުސްގެއަށެވެ. މޫންހައުސް އަބްދުﷲދީދީ މައުލޫމާތު ދެއްވި ގޮތުގައި އެއީ ތިންކިލޯވޯޓުގެ އިންޖީނެކެވެ. އެއިގެ ފަހުން ހަމަ އެގެއަށް ފަސް ކިލޯވޯޓުގެ އިންޖީނެއްވެސް ގެނައެވެ. މި ދެ އިންޖީނުވެސް (އެއް އިންޖީނަށްފަހު އަނެއް އިންޖީނު) ބަހައްޓާފައި ހުރި މޫންހައުސް ގޯތިތެރޭގައި އަޅާފައި ހުރި ކުޑަ އިންޖީނުގެއެއްގައެވެ. މި އިންޖީނުތައްވެސް ގެނައި ސީދާ ތާރީޚުތަކެއް ނޭގެއެވެ. އެހެންނަމަވެސް އެއީވެސް 1980 ގެ އަހަރުތަކުގެ ކުރީކޮޅާއި މެދުތެރޭ ހިސާބުގައެވެ.

 

މޫންހައުސްގެއަށް ގެނައި ދެ އިންޖީނަށްފަހު ދެން އިންޖީނެއް ގެނައީ ދަޑިމަގު މުބާހުމަންޒިލް އިބްރާހިމް ދީދީ، އާންމު ނަމުން ނަމަ މުއްސަންތި އިބްރާހިމްދީދީ އެވެ. އެއީ ހަނދާންވާގޮތުން 1980 ގެ އަހަރުތަކުގެ މެދުތެރޭ ނުވަތަ ފަހުކޮޅުގައެވެ. އެއީ ފަސްކިލޯވޯޓުގެ އިންޖީނެކެވެ. އިންޖީނު ބަހައްޓާފައި ހުރީ ދަޑިމަގު ދަޑިމަގުގޭގެ ގޯތިތެރޭގައި ބޭރެފީށި އާއި އިންވެގެން ކަހަލަ ގޮތަކަށް ހަދާފައިހުރި ކުޑަ އިންޖީނުގެއެއްގައެވެ. ދިމާވި މައްސަލަތަކެއްގައި ވަކިހިސާބަކުން އެއިންޖީނުން ކަރަންޓު ދިނުން ހުއްޓައިލިއެވެ. އަދި ކަރަންޓު ނެތި ދުވަސްކޮޅެއް ދިޔައެވެ.

 

ދެން އައީ ކަރަންޓުގެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަޑިމަގު ދިގުވާނޑަށް ކަރަންޓު ދިނުމަށް ދެން ގެނައީ 20 ކިލޯވޯޓުގެ (އޭރުގެ ހާލަތަށް ބަލާއިރު) ބޮޑު އިންޖީނެކެވެ. އެ އިންޖީނު ގެނައީ މ. ވެށި މޫސާދީދީއެވެ. އާންމު ނަމުންނަމަ ފެންމުލިއެ މޫސާއްދީއެވެ. ކުރިއަށްވުރެ ޖާގަ ތަނަވަސް ކުރުމަށްފަހު އެ އިންޖީނުވެސް ބެހެއްޓީ މޫންހައުސް ގޯތިތެރޭގައި ހުރި އިންޖީނުގޭގައެވެ. ބޮޑު އިންޖީނަކަށް ވުމުން ބަހައްޓަން ކޮންކްރީޓުން ބުޑެއް އެޅި ހަނދާނާއި އަދި އެ ބޮޑު އިންޖީނު ބަލަން ދިޔަ ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އިންޖީނު ގެނައި ސީދާ ތާރީޚެއް ނޭގެއެވެ. އެހެނަސް ކައިރީގައި އުޅުނު ގިނަ މީނުންގެ ވާހަކަތަކަށް ބުރަވާއިރު އެއީ 1988 ނުވަތަ 1989 ހިސާބުގައެވެ.

 

އެ އިންޖީނާއި އެކު ކަރަންޓުގެ ޚިދުމަތް އެހެން ދަރަޖައަކަށް ގެންދެވުނެވެ. ގޭގެއަށް ލިބޭ ވޯލްޓޭޖު މަތިވެ ދޮންނަ މެޝިނާއި އިސްތިރި ފަދަ ކަރަންޓު އާލާތްތައް ބޭނުންކުރަން ފުރުސަތު ލިބިގެންދިޔައެވެ. އަޅުގަނޑު ހަދާންވާގޮތުން ބޮކި އަދި ހޮޅިބުރީގެ އަގުތައް ހުރީ ހަމަ ކުރިއެކޭ އެއްވަރަކަށެވެ. ކުރިއާ ޚިލާފަށް ގޭގެއަށް ކަރަންޓު ސޮކެޓް ލުމުގެ ފުރުސަތު ލިބުނެވެ. އެއީ ކަރަންޓު އާލާތްތައް ބޭނުން ކުރުމަށެވެ. ސޮކެޓަކަށް މަހަކަށް ނަގަނީ 20 ރުފިޔާއެވެ. ބޮޑު އިންޖީނާއި އެކު ކަރަންޓު ދޭގަޑިތަކަށްވެސް ބަދަލުއައެވެ. ހަވީރު 4:00 އިން ރޭގަނޑު 11 އަށް ޚިދުމަތްދޭގަޑި ބަދަލުވިއެވެ.

 

ސަރުކާރުން ސްޓެލްކޯ މެދުވެރިކޮށް 1993 ވަނަ އަހަރު ފުވައްމުލަކަށް  24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ދޭން ފެށުމާއި ހަމައަށް ވެސް އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔައި މި އިންޖީނުން ދެމުންދިޔަ ކަރަންޓެވެ.

96
0 / 250
© 2024 Maaneyre
Developed by: