މުދައްރިސުކަމުގެ ތަމްރީނު ހޯއްދެވި ފުވައްމުލަކުގެ ފުރަތަމަ 10 އެދުރުން

Mudharrisukamuge thamreenu hoahdhevi fuvahmulakuge furathama 10 edhurun

 

މިއީ "އަދިވެސް" ނޫހުގައި އޯގަސްޓު 24، 2024 ވަނަދުވަހު ފުވައްމުލަކު ކެނެރީގެ އަޙުމަދު ސަޢީދު ލިޔުއްވާފައިވާ ލިއުމެކެވެ. ފުވައްމުލަކުގެ ތާރީޚުން މުހިންމު ސަފުޙާ އެއްކަމަށް ވާތީ ނަކަލުކޮށްލީއެވެ. ލިއުން ގެނެސްދީފައިވާނީ ނޫހުގައި އަޙުމަދު ސަޢީދު ލިޔުއްވާފައިވާ ގޮތަށް އެއްވެސް އުނިއިތުރެއް ގެނައުމަކާއި ނުލައެވެ. ލިއުމާއި ގުޅުވައިގެން ގެނެސްދީފައިވާ ފޮޓޯއަކީ ވެސް އެ ނޫހުގައިވާ ފޮޓޯއެވެ.

---------------------

އިލްމު އުނގެނުމަކީ އިހުގައި ރާއްޖޭގައި ފަސޭހަ ކަމެއްނޫނެވެ. މާލޭ ރަސްކަމުގެ ކޮއިލުގެ ބޮނޑުންނަށް ނޫނީ ރަނގަޅު ތަޢުލީމެއް ހޯދުން ހުއްދަ ނޫން އާދަކާދަތަކެއް އޮތް ޒަމާނެއްވެސް ދިޔަކަމުގައިވެއެވެ. ރަނގަޅު ޢިލްމެއް ލިބެނީ ކަމުވޮށިވެގެންވާ ބޭފުޅުންގެ ޢާއިލާގެ ދަރީންނަށް އެކަންޏެވެ. އެގޮތުންވެސް އުނގެނުމަށް ދާންޖެހެނީ ބޭރު ކަރައަކުން ޢިލްމު އުނގެނިވަޑައިގެން އުޅުއްވާ ޝާޙީ ބޭފުޅެއްގެ އަރިއަހަށެވެ.

 

ދެން އައީ ޢިލްމު އުނގެނިގެން ހުންނެވި ބޭފުޅެއްގެ އަމިއްލަ ޝައުޤުވެރިކަމުގައި އެ ބޭފުޅެއްގެ އަމިއްލަގޭގައި ކިޔަވައިދެއްވާ ޒަމާނެވެ. އެއަށްފަހު އެފަދަ ބޭފުޅުން އަމިއްލައަށް މަކްތަބު ނުވަތަ މަދަރުސާ ހައްދަވައިގެން ކިޔަވައިދެއްވި ޒަމާނެވެ. ދެން ރަށްވެހިކަމުގެ ތެރެއިން ރަށުގެ ނާއިބުންނާއި ކަތީބުންގެ އިސްނެންގެވުމާއެކު މަދަރުސާތަކާއި މަކްތަބު ހިންގެވި ޒަމާނެވެ.

 

ޢިލްމު އުނގަންނައިދިނުމަށް ސަރުކާރަކުން ރާއްޖޭގައި މުގައްރަރެއް އެކުލަވާލަންފެށީ 1976 ގައެވެ. އެއަށްފަހު ރަސްމީގޮތެއްގައި މުދައްރިސުން ތަމްރީނު ކުރަން ފަށައިފައިވަނީ 1977 ގައެވެ.

 

މުދައްރިސުން ތަމްރީނު ކުރަން ފެށުމާއެކު އެކަމަށް އިޖާބަ ދެއްވައި ފުވައްމުލަކުން ނިކުމެވަޑައިގަތް ފުރަތަމަ 10 ބޭފުޅުންނަކީ ރަށުގެ ތާރީޚުގެ ވަރަށް ޚާއްޞަ 10 ބޭފުޅުންނަށް ވާނެކަން ޔަޤީނެވެ. މި ބޭފުޅުން ތަމްރީނުވެވަޑައިގަތީ އެންމެ ފުރަތަމަ ހިންގި ފަސް ކޯހުގެ ތެރެއިންނެވެ. މިއީ އަތޮޅު ފެންވަރުގައި ޝަރަފުގެ އައްޑަނައެއްވެސް އެރުވުން ހައްޤު ބޭފުޅުންނެވެ. އަދިވެސް މި ބޭފުޅުން އަޅުގަނޑުމެންނާ އެކީ ތިއްބެވި ބޭފުޅުންނެވެ.

 

އެ ބޭފުޅުންނަކީ ޢިލްމީ ހޭލުންތެރިކަމެއް ނެތް މުޖުތަމަޢެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުނގަންނައި ދެއްވުމަށް ޤުރުބާންވެ ވަޑައިގެންނެވި 10 ބޭފުޅުންނެވެ. ހއ. ތުރާކުނުން ފެށިގެން ސ. ހުޅުދޫއާ ދެމެދު މި ބޭފުޅުން އެކި ރަށްރަށުގައި މަސައްކަތް ކުރެއްވިއެވެ. އެބޭފުޅުންގެ ތަޖުރިބާތަކުގެ ވާހަކަ އަޑުއަހާލުމުން އަންތަރީސްވާވަރުގެ ކަންކަން ތަޖުރިބާ ކުރެއްވި ބޭފުޅުންނެވެ. އެބޭފުޅުންނަކީ ރަށްރަށުގައި ހުންނަވަން ޖެހިވަޑައިގެންނެވި ގޭގޭގައި ފާޚާނާ ކުރެވެން ނެތިގެން އަތިރިމައްޗަށް ގޮސް އެއްވެސް ނިވަލެއްނެތި ގަޟާޙާޖަތްކުރައްވަން ޖެހިވަޑައިގަތް ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ކުލާހުގައި ކިޔަވައިދެއްވަން އުޅުއްވަނިކޮށް ދަރިވަރެއްގެ ބައްޕަ އައިސް މިއައީ މަސްވެރިކަމަށް ނިކުންނަން އަހަރެންގެ ދަރި ބަލައޭ ބުނެ ކުލާސް ނުނިމެނީސް ދަރި ނެރެގެން ގެންދިޔަ ޒަމާން ތަޖުރިބާ ކުރެއްވި ބޭފުޅުންނެވެ.

 

މިއަދު އެ ބޭފުޅުންނަކީ ދިވެހިންގެ ވިސްނުން ބަދަލުކޮށް ބެލެނިވެރިންނާއި ދަރިވަރުން ތަޢުލީމަށް އަހުލުވެރިކުރުވި ގައުމުގެ ބަޠަލުންނެވެ. ފުވައްމަލަކާއި ރާއްޖެއާއި މަލޭގެ ބޮޑެތި ސްކޫލްތަކުގައި މުދައްރިސްކަމުން ފެށިގެން ޕްރިންސްޕަލުކަމާ ހަމަޔަށް އެކި މަގާމުތަކުގައި ވަޒީފާ އަދާ ކުރައްވާފައިވާ ބޭފުޅުންނެވެ. ބައެއް ބޭފުޅުން އުނގަންނައިދިނުމުގެ ދާއިރާ ދޫކޮށްނުލައްވާ އަދިވެސް އިހުގެ ޒުވާންކަމާއި ޖޯޝާއި ފޯރީގައި ހަމަ އެ ހަކަތައިގައި މަސައްކަތުގައި ދެމިތިއްބަވާ ބޭފުޅުންނެވެ.

 

75
0 / 250
© 2024 Maaneyre
Developed by: