ފުވައްމުލަކުގައި ފުރަތަމަ ބީއްސާލި މަތިންދާބޯޓް މިހާރު ކޮބާ؟

Fuvahmulakugai furathama beessaali mathindhaaboatu mihaaru kobaa?

 

މިއީ އަދިވެސް ނޫހުގައި 2024 ވަނައަހަރު އޯގަސްޓް 23 ވަނަދުވަހު ފުވައްމުލަކު ކެނެރީގެ އަހުމަދު ސައީދު ލިއުއްވާފައިވާ ލިއުއްވުމެކެވެ. ފުވައްމުލަކުގެ ތާރީޚުގެ މުހިން ސަފުޙާއެއް ކަމަށްވާތީ ލިއުން ނަކަލު ކުރިއެވެ. ލިއުން ގެނެސްދީފައިމިވަނީ އަސްލު ލިއުމަށް އެއްވެސް އުނި އިތުރެއް ނުގެނެސް އެނޫހުގައި ލިއުއްވާފައިވާ ގޮތަށެވެ.

----------------------------

އެއީ ތާރީހީ ދުވަހެކެވެ. ތާރީހީ ވަގުތުކޮޅެކެވެ. ފުވައްމުލަކު އެއާރޕޯޓްގައި މަތިންދާބޯޓެއް ޖެއްސި ފުރަތަމަ ފަހަރެވެ.

 

ފުވައްމުލަކު އެއާރޕޯޓްގައި ފުރަތަމަ ޖެއްސީ މޯލްޑިވިއަންގެ ޑޭޝް8 މަރުކާގެ DHC-8-200 ގެ އެއާރކްރާފްޓެކެވެ. މި ބޯޓްގެ ރަޖިސްޓްރީ ނަންބަރަކީ 8Q-AMD އެވެ. ބޯޓް ޖެއްސީ 31 އޮކްޓޯބަރ 2011 ވީ ހޯމަ ދުވަހުގެ ހަވީރު 3:35 ގައެވެ. މި ބޯޓު، މޯލްޑިވިއަންގެ ފުލީޓްގައި އުދުހުމަށް މިހާރު ބޭނުމެއް ނުކުރެއެވެ. ނަމަވެސް މި ބޯޓް އަދި ނައްތާނުލައި ވެލާނާ އެއާރޕޯޓްގައި އެބައޮތެވެ.

 

ލިބޭ މަޢުލޫމާތުން އެނގޭ ގޮތުން މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސަސް ކުންފުނިން ދަނީ ޑޭޝް8 މަރުކާގެ ބޯޓްތައް ދޫކޮށްލައި ATR މަރުކާގެ ބޯޓްތަކަށް ބަދަލު ކުރަމުންނެވެ. އަދި ޑޭޝް8 މަރުކާގެ ބޯޓްތައް އުފެއްދުންވެސް އެ މަރުކާގެ ބޯޓް އުފައްދާ ކުންފުނި، ކެނަޑާގެ ޑި ހަވިލޭންޑް އެއާރކްރާފްޓް ކޮމްޕެނީން ހުއްޓާލާފައިވާ ކަމަށްވެއެވެ. އެހެން ކަމަށްވާނަމަ މި މަރުކާގެ ބޯޓްތަކަކީ ދެން އެހެން ފަރާތަކަށް ވިއްކާލެވޭނެ އެއްޗަކަށްވެސް ނުވާނެއެވެ. އެންމެ ކައިރި ގޮތަކީ މޯލްޑިވިއަންގެ ފުލީޓްގައި ހުރި ޑޭޝްމަރުކާގެ ބޯޓްތައް ބާދަނގަޑަށް ހަދައި ނައްތާލުމެވެ.

 

ނަމަވެސް ފުވައްމުލަކުގައި ފުރަތަމަ ޖެއްސި 8Q-AMD އަކީ ރަށުގެ ތާރީޚަށްޓަކައި މުހިއްމު މަތިންދާބޯޓެކެވެ. އެބޯޓް، ބާދަނގަޑުގެ ގޮތުގައި ނައްތާނުލަނީސް ތާރީޚީ މޮނިއުމެންޓެއް ފަދަ އެއްޗެއްގެ ގޮތުގައި ފުވައްމުލަކުގެ އެއާރޕޯޓްގެ ސަރަޙައްދެއްގައި ނުވަތަ ޕާކެއްގައި ބޭއްވުން ކިހިނެއްވާނެބާވައޭ ހިތަށް އަރައެވެ. އޭރުން އެ ބޯޓް، ގިނަ ބައެއްގެ ޝައުޤުވެރިކަން ދެވޭ ރަށުގެ ޚާއްޞަ ލޭންޑްމާކަކަށްވެސް ވެގެންދާނެއެވެ.

 

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އެކި މަރުކާގެ މަތިންދާބޯޓްތައް ބޭނުންކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ދާރުލް އާސާރެއްގައި ނުވަތަ ޕާކެއްގައި ނަމަވެސް ތާރީޚީ އެއްޗެއްގެ ގޮތުގައި ފެންނާކަށް ނެތެވެ. އެފަދަ ޚިޔާލެއް ރާއްޖޭގެ ވެރިން މިހާތަނަށް ގެންގުޅުއްވި ކަމެއްވެސް އެނގޭކަށް ނެތެވެ.

 

މޯލްޑިވިއަންގެ 8Q-AMD އަކީ ފުރަތަމަ ފަހަރަށް މިފަދަ ތާރީޚީ އެއްޗެއްގެ ގޮތުގައި އެތައް އަހަރަކަށް ފެންނާން އޮންނާނެ ވައިގެ އުޅަނދަކަށް ހެދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިސްނަންގަވައި މަސައްކަތްކޮށްދެއްވައިފިނަމަ ވަރަށް ރަނގަޅެވެ. އެ ބޯޓް ބާއްވަންވާނީވެސް ފުވައްމުލަކުގައެވެ.

 

ފުވައްމުލަކުގެ އެއާރޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ތިރިކުރުމުގެ ޝަރަފުވެރިޔާ މިހާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ، ކެޕްޓަން މުޙައްމަދު އަމީންއަށް މޯލްޑިވިއަންގެ 8Q-AMD އެއަރކްރާފްޓް ތާރީޚީ އުޅަނދެއްގެ ގޮތުގައި ފުވައްމުލަކުގައި ބޭއްވުމަށް އެހީތެރިވެވިދާނެ ޔަޤީނެވެ.

 

ވައިގެ ދަތުރުފަތުރުގައި ގައުމީ އެއާރލައިން މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް މުޅިން އަންހެން ފަޅުވެރިން ލައިގެން ދަތުރެއްކުރީވެސް ވެލާނާ އެއާރޕޯޓުން ފުވައްމުލަކު ޑޮމެސްޓިކް އެއާރޕޯޓަށެވެ. މި ފުލައިޓް ދަތުރުކުރީ 23 މެއި 2012 ވަނަ ދުވަހުއެވެ.

 

ފުވައްމުލަކު އެއާރޕޯޓް ވުޖޫދަށް އައުމަކީ ރަށުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ހަޤީޤަތަކަށްވެގެން ދިޔަ ކަމެކެވެ. މި އެއާރޕޯޓް ބިނާކޮށް ދެއްވީތީ އެކަމުގެ ޝުކުރު އެންމެ ބޮޑަށް ހައްޤުވާ ދެ ބޭފުޅުންނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެމްބަރު ޝިފާޤު މުފީދެވެ. ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް މުހައްމަދު ވަޙީދު، އެއާރޕޯޓްގައި ރޭގަނޑު ފުލައިޓް ޖެއްސޭގޮތް ހެދުމަށްޓަކައި 20 އޯގަސްޓް 2013 ވަނަ ދުވަހު، ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫޢު އިފުތިތާޙް ކޮށްދެއްވިއެވެ. އޭގެ ފަހުން އައި ސަރުކާރުތަކުގެ އެއްވެސް ވެރިއެއް މި އެއާޕޯރޓް އިތުރަށް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވެއެވެ.

 

ފުވައްމުލަކުގެ އެއާރޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ތިރިކުރުމުގެ ޝަރަފުވެރިޔާ މިހާރުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ، ކެޕްޓަން މުޙައްމަދު އަމީންއަށް މޯލްޑިވިއަންގެ 8Q-AMD އެއަރކްރާފްޓް ތާރީޚީ އުޅަނދެއްގެ ގޮތުގައި ފުވައްމުލަކުގައި ބޭއްވުމަށް އެހީތެރިވެވިދާނެ ޔަޤީނެވެ.

 

91
0 / 250
© 2024 Maaneyre
Developed by: