ފުވައްމުލަކުގެ ފުރަތަމަ ރަސްމީ މަދަރުސާތަކާއި އެމަދަރުސާތަކުގައި ކިޔަވައި ދެއްވި މުދައްރިސުން

Fuvahmulakuge furathama rasmee madharusaathakaai e madharusaathakugai kiyavaidhevvi mudharrisun

 

މިއީ ފުވައްމުލަކު ރަންދުވަރު އަހުމަދު ސަޢީދު ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ހިމަނުއްވާފައިވާ ލިއުމެކެވެ. ތާރީކީ މުހިންމު މައުލޫމާތުތަކެކެވެ. ލިއުން ގެނެސްދީފައިވާނީ އަހުމަދު ސައީދު ގެ ލިއުމަށް އެއްވެސް ބަދަލެއް ނުގެނެސް އޭގައިވާ ގޮތަށެވެ.

-------------------------------------

މަދްރަސަތުލް ފައިޟިއްޔާ މަދްރަސަތުލް ހިދާޔާ މަދްރަސަތުލް ހަނިއްޔާ މަދްރަސަތުއް ނޫރާނިއްޔާ

 

ފުވައްމުލަކުގައި އެންމެ ފުރަތަމަ ޢިލްމު އުނގަންނައި ދެވެމުން އައީ އުގެނިވަޑައިގެން ހުންނެވި ބޭފުޅެއްގެ އަމިއްލަ ކަމެއްގެ ގޮތުގައި އެ ބޭބޭފުޅެއްގެ އަމިއްލަ ގެދޮރުގައެވެ.

 

ހިޖުރީގޮތުން ބާރަ ވަނަ ސައްތައިގެ ފަހުކޮޅުން ފެށިގެން ތޭރަވަނަ ސައްތައިގެ ވިހީގެ އަހަރުތަކާއި ހަމަޔަށް ފުވައްމުލަކުގައި ހުންނެވި އެންމެ މަޝްހޫރު ޢިލްމުވެރިޔަކީ، އަންނާއިބު މުޙައްމަދު އިބުނި އަލްޤާޟީ އިބްރާހީމް މަޖްދުއްދީން (އައްނާއިބު މުޙައްމަދު) އެވެ. އޭނާއަކީ ޤުރުއާނާއި ތަޖްވީދު އިލްމުގެ އިތުރަށް އަރަބި ޢިލްމާއި މުވައްޠާ ނަޙްވުޞަރަފު، ފިޤްޙު ފަރާޢިޟު އަދި ނިޔަމިކަން ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ބޭނުން ބަޔަކަށް ޢިލްމު އުނގަންނަވައި ދެއްވި ބޭފުޅެކެވެ.

 

އަންނާއިބު މުޙައްމަދުގެ އަރިހުން ޢިލްމު އުގެނިވަޑައިގަތް ފުވައްމުލަކު ބެއިފުޅުންގެ ތެރެއިން އެންމެ މަޝްހޫރުވީ އޭނާގެ ތިން ބެއިންނެވެ. އެއީ ދޫނޑޭރެ އަލި ދީދީއާއި، އަޙްމަދު ދިދީއާއި، ދޮންތުއްތު ދީދީއެވެ. މި ތިން ބޭފުޅުންނަކީ އެ ބޭފުޅުންގެ ދުވަސްވަރުގައި މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިންނެވެ.

 

އެކަން އެނގޭ ހެއްކަކީ ޙުސެއިން ޞަލާޙުއްދީން ވިދާޅުވިކަމަށް ބުނެވޭ ވާހަކަފުޅަކުންނެވެ. ޞަލާޙުއްދީން ވިދާޅުވިކަމަށްވަނީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން ފިޤްޙަށް އެންމެ މޮޅީ އަޙްމަދު ދީދީ ކަމަށާއި ޢަރަބި ބަހަށް އެންމެ މޮޅި ދޮންތުއްތު ދީދީ ކަމަށާއި ފަރާއިޟަށް އެންމެ މޮޅީ ޢަލި ދީދީ ކަމަށެވެ. މިތިން ބެއިފުޅުންވެސް އެބެއިފުޅުންގެ ގޭގައި މީހުންނަށް ޢިލްމު އުނގަންނައި ދެއްވުމުގެ މަސައްކަތް ކުރެއްވެވިއެވެ.

 

ދޮންތުއްތު ދީދީ އަމިއްލަ ދިރިއުޅުމެއް އުޅުއްވުމަށް ވަކިގެއެއް އަޅުއްވައިގެން އެގޭގައި ކިޔަވާ ދެއްވަން ފެއްޓެވުމުން އެގޭގެ ނަން މަޝްހޫރުވެގެން ދިޔައީ "މަދަރުސާގެ" ނަމުންނެވެ.

 

ފުވައްމުލަކުގައި އުގަންނައި ދިނުމަށްޓަކައި ރަސްމީ ސިފައެއްގައި މަދަރުސާތައް ހިންގަންފެށީ މީލާދީ ސަނަތުން 1945 ވަނަ އަހަރު ގައެވެ. މިދުވަސްވަރު ބިނާކުރެއްވީ 4 މަދަރުސާއެކެވެ. މި މަދްރަސާތައް އަޅުއްވާފައިވަނީ ދަނޑިފަނުންނެވެ. މަދަރުސާތައް އެޅުއްވީ ކޮންމެ 2 އަވަށަކަށް މަދަރުސާއެއް ނިސްބަތްވާގޮތަށެވެ.

 

ދަޑިމަގު، ދިނގުވާޑު ދެ އަވަށަށް ނިސްބަތްކޮށް އެޅުއްވި މަދްރަސާގެ ނަމަކީ މަދްރަސަތުލް ފައިޟިއްޔާއެވެ.

ހޯދަޑު، މާދަޑު ދެ އަވަށަށް ނިސްބަތްކޮށް އެޅުއްވި މަދްރަސާގެ ނަމަކީ މަދްރަސަތުލް ހިދާޔާއެވެ.

މިސްކިތްމަގު، ފުނާޑު ދެ އަވަށަށް ނިސްބަތްކޮށް އެޅުއްވި މަދްރަސާގެ ނަމަކީ މަދްރަސަތުލް ހަނިއްޔާއެވެ.

މާލެގަން، ދޫޑިގަން ދެއަވަށަށް ނިސްބަތްކޮށް އެޅުއްވި މަދްރަސާގެ ނަމަކީ މަދްރަސަތުއް ނޫރާނިއްޔާއެވެ.

 

މި ހަތަރު މަދްރަސާ އެޅުއްވުމަށާއި ކިޔަވައި ދެއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ސަރުކާރުން ފޮނުއްވެވީ އަލްމަރްހޫމް އާދަމް ނަޞީރު މަނިކެވެ. ދަނޑިފަނުން ބިނާކުރި ހަތަރު މަދްރަސާ ހުޅުވީ 14 ފެބުރުއަރީ 1945 (1 ރަބީއުލްއައްވަލް 1364) ވީ ބުދަ ދުވަހުއެވެ. ސަރުކާރުން ބޭފުޅަކު ފޮނުވައިގެން މަދަރުސާތައް އެޅިކަމުގައިވިޔަސް މިތަންތަން ބިނާކުރީ ރައްޔިތުންގެ ތަކެތީގައި ރައްޔިތުންގެ މަސައްކަތުންނެވެ.

 

ސަރުކާރުން ފުވައްމުލަކުގައި އެޅުއްވި މަދްރަސާތަކުގައި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކިޔަވައި ދެއްވިއެވެ.

ހަތަރު މަދަރުސާގައި ކިޔަވައި ދެއްވި މުދައްރިސުންގެ ތެރޭގައި ގިނައީ ފުވައްމުލަކުން ތަޢުލީމު އުނގެނިވަޑައިގެން ތިއްބެވި ބެއިފުޅުންނެވެ. އޭގެތެރެއިންވެސް ކުރިން ދެންނެވި ދޫނޑޭރެ ދޮންތުއްތު ދީދީގެ ދަރިވަރުން ހިމެނެއެވެ. މިއިން ކޮންމެ މަދްރަސާއެއްގައިވެސް ކިޔަވައި ދެއްވަން ފެއްޓެވިއިރު ތިއްބެވީ ދެ މުދައްރިސުންނެވެ. ކޮންމެ މަދްރަސާއެއްވެސް ހިންގުމުގެ މަސްޢޫލިއްޔަތު އުފުއްލެވީ އެ މަދްރަސާއެއްގެ މުދައްރިސުންނެވެ. އެކިފަހަރު އެކިގޮތަށް ބަދަލުވަމުން ދިޔަނަމަވެސް މި މަދްރަސާތަކުގައި ކިޔަވައި ދެއްވި ބޭފުޅުން ތިރީގައި އެވަނީއެވެ.

 

1.      އަލްމަރްޙޫމް ކަރައްޔާ ކަޅު ތުއްތު ދީދީ (އިބްރާހިމް ފިކުރީ) ބޮޑުރާގެ

2.      އަލްމަރްޙޫމް އަޙްމަދު އަލި ދީދީ (ދޫނޑޭރެ ފާތިމަތު ދީދީގެ އަޙްމަދު ދީދީ)

3.      އަލްމަރްޙޫމް ޢަބްދު މުފީދު، ނަޔާގެ

4.      އަލްމަރްޙޫމް އަޙްމަދު އިބްރާހިމް ދީދީ، މެދެގެދަރު

5.      އަލްމަރްޙޫމް ހުވަނދަގެ އަޙްމަދު ވަޙީދު، ކެނެރީގެ

6.      އަލްމަރްޙޫމް ޙުސެއިން ދީދީ، ރަނުއަރާގެ

7.      އަލްމަރްޙޫމް ޢަބްދު ޙުސައިން ދީދީ، އިހަލަގެދަރު

8.      އަލްމަރްޙޫމް އިބްރާހިމް ޙުސައިން ދީދީ، ބެރިމަގު

9.      އަލްމަރްޙޫމް އިބްރާހިމް ދީދީ، މަގިއެދުރުގެ

10.  އަލްމަރްޙޫމް ޙުސައިން އަފީފް (ދޫނޑިގަމުބެއްޔަ)

11.  އަލްމަރްޙޫމް ކެންނާރި އިބްރާހިމް ދީދީ، ސޯސަންވިލާ

12.  އަލްމަރްޙޫމް އަޙްމަދު މުޙައްމަދު ދީދީ، އެދުރުގެ

13.  އަލްމަރްޙޫމް ކޭހިގޭ އިބްރާހިމް ދީދީ، ބަހާރުގެ

14.  އަލްމަރްޙޫމް އިބްރާހިމް ސައީދު، އަސްރަފީގެ

15.  އަލްމަރްޙޫމް އަޙްމަދު އިބްރާހިމް ދީދީ، ހުދުފިނިފެންމާގެ

16.  އަލްމަރްހޫމް މުދިމް ތުއްތުދީދީ ކަންމަތީގެ ތުއްތުދީދީ

 

މަތީގައިއެވާ ކުރީގެ މުދައްރިސުންނަކީ ރަށުގެ ތަޢުލީމީ ތާރީޚުގެ ވަރަށް ޚާއްޞަ ބޭފުޅުންކޮޅެކެވެ. އެބޭފުޅުން އުގަންނައި ދެއްވި ދަރިވަރުންނާއި އަދި އެބޭފުޅުންގެ ބައެއް ދަރިންނަކީ ފުވައްމުލަކުގެ ތަޢުލީމަށް ނުހަނު ބޮޑެތި ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅުންނެވެ.

 

ހަތަރު މަދްރަސާގައި ކިޔަވައިދެމުން ދަނިކޮށް ރަށްވެހިކަމުގެ ދުވަސްވަރު، މުޙައްމަދު އިބްރާހިމް ލުޠުފީގެ އަތޮޅުވެރިކަމުގައި، 1953 ވަނަ އަހަރު ރަށުގެ މަގުތައް ހަދަމުން ދިޔައިރު ދެ މަދްރަސާއެއް ހުރިތަން ދެ މަގަކާ ދިމާވުމުން އެ ދެ މަދްރަސާ ބަންދުކޮށް ރޫޅާލުމަށްފަހު މަގު ހެދިއެވެ. ބަންދުކުރި ދެ މަދަރުސާއަކީ މަދަރަސަތުލް ފައިޟިއްޔާއާއި މަދަރަސަތުއް ނޫރާނިއްޔާއެވެ.

 

ދެ މަދަރުސާ އުވާލުމުން ރަށުގެ ހުރިހާ ކުދިންވެސް ދެން ކިޔަވަމުން ދިޔައީ މަދްރަސަތުލް ހިދާޔާއާއި މަދްރަސަތުލް ހަނިއްޔާގައެވެ. މި ދެމަދަރުސާގައި ކިޔަވައި ދެމުންދަނިކޮށް އަތޮޅުގޭ ގޯތިތެރޭގައި އިތުރު ބޮޑު މަދަރުސާއެއް ވަކަރުން ބިނާކުރިއެވެ. އެއަށްފަހު ދަރިވަރުން މި މަދަރުސާއަށް ބަދަލުކޮށް ކުރިން ހިންގި ހިދާޔާއާއި ހަނިއްޔާ އުވާލާ، އަތޮޅުގޭ ގޯތި ތެރޭގައި އެޅި މަދަރުސާއަށް މަދަރަސަތުލް ހިދާޔާގެ ނަން ދެވުނެވެ. މި ބޮޑު މަދަރުސާގައި ކިޔަވައިދޭން ފެށީ 3 އޭޕްރީލް 1955 ގައެވެ.

 

އަތޮޅުގޭ ގޯތިތެރޭގައި ހިންގަންފެށި "މަދްރަސަތުލް ހިދާޔާ" ގައި ގިނަ އަދަދެއްގެ ކުދިން ކިޔަވަމުން ދަނިކޮށް ރޭގަނޑެއްގައި މަދަރުސާގައި ހުޅުރޯވެގެން ބޭނުން ނުކުރެވޭވަރަށް އަނދައިގެން ދިޔައެވެ. ބުނެވޭގޮތުން ދެކުނުގެ ބަޣާވާތުގެ ދުވަސްވަރު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބަޔަކު ގަސްދުގައި މި މަދަރުސާގައި އަލިފާންރޯކޮށް އަންދާލީއެވެ.

 

މަދަރަސަތުލް ހިދާޔާ އަންދާލުމުގެ ސަބަބުން ކިޔަވައި ދިނުމަށް މެދުކެނޑުމެއް ދިޔައެވެ. އޭގެ ދުވަސްތަކެއް ފަހުން އަނދައިގެން ދިޔަ މަދަރުސާގެ ކާރީގައި ހަމަ އެބިމުގައި އައު މަދަރުސާއެއް ބިނާކޮށް މަދްރަސަތުލް ޢިނާޔާ ގެ ނަމުން ނަން ދެވުނެވެ.

 

އަތޮޅުގޭ ގޯތިތެރޭގައި ހިންގި މަދްރަސަތުލް ހިދާޔާއާއި މަދްރަސަތުލް އިނާޔާގެވެސް ފުރަތަމަ ނާޒިރަކީ އަލްމަރުޙޫމް ހުވަނދަގެ އަޙްމަދު ވަޙީދެވެ. އޭނާއަށްފަހު ޢިނާޔާ މަދްރަސާ ހިންގެވި ބޭފުޅުންގެ ތެރޭގައި، ރަންދުވަރު އަލްމަރްހޫމް މުޙައްމަދު ސައީދު، މެދެގެދަރު އަލްމަރުޙޫމް އަޙްމަދު އިބްރާހިމް ދީދީ، އައްޝައިޚުލް މަރުހޫމް މާދަޑިގޭ ޢަބްދު ސައީދު، ހުދުފިނިފެންމާގޭ އަލްމަރްހޫމް އަޙްމަދު އިބްރާހިމް ދީދީ، ހިމެނި ވަޑައިގަންނަވައެވެ.

 

ފުވައްމުލަކުގައި އެންމެ ފުރަތަމަ އިނގިރޭސިބަސް ކިޔަވައި ދެވުނު މަދްރަސާއަކީ މަދްރަސަތުލް އިނާޔާއެވެ. އިނގިރޭސިބަސް ކިޔަވައި ދެއްވީ މެދެގެދަރު އަލްމަރްޙޫމް އަޙްމަދު އިބްރާހިމް ދީދީއެވެ. މަދްރަސަތުލް އިނާޔާގެ ލަވަޔަކީ ފުވައްމުލަކުގެ ފުރަތަމަ މަދްރަސީ ލަވައެވެ. އެލަވަ ހެއްދެވީވެސް މެދެގެދަރު އަލްމަރްހޫމް އަޙްމަދު އިބްރާހިމް ދީދީއެވެ.

 

މަދްރަސަތުލް ޢިނާޔާގެ ކިޔެވުންވެސް ވަކި ހިސާބަކުން ހުއްޓި މަދްރަސާވެސް އުވާލެވުނެވެ. އޭގެ ފަހުން އަތޮޅުގޭ ގޯތިތެރޭގައި ހުރި "ކުނރުދުމާގެ" ކިޔާ ޢިމާރާތުގައި ރައްޔިތުންގެ ސްކޫލެއް ޏ. އަތޮޅު ޕްރައިމަރީ ސްކޫލްގެ ނަމުގައި ހިންގަންފެށިއެވެ.  1980ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއެކު ޏ. އަތޮޅު ޕްރައިމަރީ ސްކޫލަކީ ސަރުކަރުން ހިންގަވާ ސްކޫލަކަށް ހަމަޖެއްސެވިއެވެ.

 

1980 ވަނަ އަހަރުގެ ތެރޭގައި އަތޮޅުގޭ ގޯތީގެ އިރު-އުތުރު ކަނުގައި ނަރުގިސްމަގާ އިންވެގެން އައު ލަކުޑި އިމާރާތެއް ހަދައި އަތޮޅު މަދަރުސާގެ ނަމުގައި ހިންގަންފަށައި ޕްރައިމަރީ ސްކޫލުގައި ކިޔެވި ދަރިވަރުންވެސް އެތަނަށް ބަދަލު ކުރިއެވެ. މި މަދަރުސާގެ ފުރަތަމަ ޕްރައިމަރީ ޓީޗަރަކީ، އެންމެ ފުރަތަމަ ޕްރައިމަރީ ޓީޗިންގ ކޯސް ފުރިހަމަ ކުރައްވައިގެން ފުވައްމުލަކުގައި ކިޔަވައިދެއްވަން ފެއްޓެވި، ފުވައްމުލަކު މަދީނާ އަޙުމަދު އަލި ދީދީއެވެ.

 

އަތޮޅު މަދަރުސާގެ ފުރަތަމަ ނާޒިރަކީ އޭރުގެ ކަތީބު ފިނިވާގޭ އަލްމަރްހޫމް އަލީ މުސާ ދީދީއެވެ. އޭގެ ފަހުން އޭރުގެ ކަތީބު ރަންދުވަރު އަލްމަރްހޫމް މުޙައްމަދު ސައީދުވެސް ނާޒިރުކަން ކުރެއްވިއެވެ. އެންމެފަހުން މި މަދްރަސާގެ ނާޒިރުކަން ކުރެއްވީ، އަލްމަރުޙޫމް ކޭހިގޭ އިބްރާހިމް ދީދީއެވެ.

 

20 އޭޕްރީލް 1982 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމާއެކު އަތޮޅު މަދްރަސާވެސް އުވާލެވުނެވެ.

 

ދެން ފެށިގެން އައީ ޢިލްމު އުގަންނައި ދިނުމުގެ ޒަމާނީ ދައުރެވެ. ސަރުކާރުން ތަޢުލީމަށް ކުރާ ހޭދަ އިތުރުވެ ، އުގަންނައި ދިނުމުގެ ފެންވަރާއި އިންތިޒާމުތައް ރަނގަޅުވެ ، ބޮޑެތި އިމާރާތްތަކާއި ސްކޫލްތައް އިތުރުވެ ، ތަޢުލީމު ފުޅާވެގެން އައި ޒަމާނެވެ. މިއަދު ފުވައްމުލަކަކީ އާބާދީގެ ނިސްބަތުން އެންމެ މަތީ ސަނަދުތައް ހޯދާފައިވާ އާބާދީ އޮތް އަތޮޅަކަށްވާނެއެވެ.

ސ.ވ މި އެންމެހާ އެދުރުންނަށް ރަޙުމަތްލައްވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ.

 

56
0 / 250
© 2024 Maaneyre
Developed by: